ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ބޮލީވުޑަށް ނުކުންނަ ފިލްމުގެ ނަމަކީ "ސަރުޒަމީން" ކަމަށާއި އޭގެ ޝޫޓިން މިހާރު ކަޝްމީރުގައި ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ ޑައިރެކްޓަރަކީ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކެޔޯޒް އިރާނީ އެވެ. ކަރަން ޖޯހަރްގެ 2012 ގެ "ސްޓޫޑެންޓް އޮފް ދޮ އިޔާ" ގެ ސަޕޯޓިން ރޯލެއް ކުޅުނު ކެޔޯޒް ވަނީ ކަރަންގެ ފިލްމު ކުންފުނި، ދަރުމާ ޕްރޮޑަކްޝަންގެ 2020 ގެ އެންތޮލޮޖީ ފިލްމު "އަޖީބު ދާސްތާންސް" ގެ ސެގްމަންޓެއް ވެސް ޑައިރެކްޓްކޮށްފަ އެވެ.
މީގެ ހައެއްކަ ދުވަސް ކުރިން ބޮމަން އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއެއްގައި ދަރިފުޅު ފުރަތަމަ ފީޗާ ޑައިރެކްޝަނަށް ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު "ސަރުޒަމީން" އާ ބެހޭ ގޮތުން ކެޔޯޒް އާއި އެ ފިލްމު އުފައްދާ ދަރުމާ އިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ އެ ފިލްމުގައި އިބްރާހީމް ކުޅޭނީ ސިފައިންގެ މީހެއްގެ ރޯލު ކަމަށާއި ފިލްމުގައި އޭނައާ އެކީ ބަތަލާއަކު ވެސް ނުހިމެނޭނެ ކަމަށެވެ. އެހެންވެ ބައެއް މީޑިއާތަކުން "ސަރުޒަމީން" ސިފަކޮށްފައި ވަނީ ބޮލީވުޑަށް އާ ފަންނާނުން ނެރޭ އިރު، ހަދާ ކަހަލަ ލޯބީގެ ފިލްމުތަކާ ހިލާފަށް ވަރަށް "އަންކޮންވެންޝަނަލް" ފިލްމެއްގެ ގޮތުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިބްރާހީމްގެ ފިލްމުގެ ކާސްޓްގައި ކާޖޮލް އާއި މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަން ވެސް ހިމެނެ އެވެ.
އިބްރާހީމްގެ ދައްތަ ސާރާ އަލީ ޚާން ބޮލީވުޑަށް ނުކުތީ މީގެ ފަސް އަހަރު ކުރިން 2018 ގެ "ކޭދަރުނާތު" އިންނެވެ.