ހިޔާ ފްލެޓުގައި އުޅޭ ފަރާތްތަކުގެ ތެރެެއެއިން އުސޫލްތަކާއި ޙިލާފްވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އެޗްޑީސީން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ ހުޅުމާލެގެ ހިޔާ ފްލެޓް ސަރަހައްދަކީ އެއްފަހަރާ އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދު ކަމަށާއި، މިއާއެކު އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ފަސޭހައަށް ގިނަ އުސޫލްތަކާއި ޤަވާއިދުތައް ތެރޭ ހެދިފައިވާ ކަމަށެވެ.

މިގޮތުން ހެދިފައިވާ އުސޫލުތަކުގެ ތެރޭގައި، ފިނިޝިން މަސައްކަތް ކުރުމުގެ އުސޫލު ވަނީ ކަނޑައެޅިފައި ކަމަށް އެޗްޑީސީން ހާމަކުރެއެވެ. އޭގެ ތެރޭ އިމާރާތުގެ ސްޓްރަކްޗަރއަށް ގެއްލުންވާ ފަދަ އާލާތްތައް ބޭނުން ނުކުރުމާއި، އެފަދަ މަސައްކަތް ކުރުން ވަނީ މަނާ ކުރެވިފައެވެ.
މީގެ އިތުރުންވެސް އިމާރާތް ބޭނުން ކުރުމުގައި އެހެން ފަރާތްތަކަށް އުނދަގޫވާނެ ފަދަ، ގޮތްގޮތައް އަމަލު ނުކުރުމަށް އަންގާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ގްރައުންޑް ފްލޯ ވިޔަފާރި ކުރުމަށް ހާއްސަ ކުރެވިފައިވާކަން އެޗްޑީސީން ފާހަގަ ކުރެއެވެ.
މިފަދަ އުސޫލުތަކަށް އަމަލު ކުރެވޭ މިންވަރު ބެލުމަށް އެޗްޑީސީގެ ފަރާތުން އެކި ފަހަރު މަތިން ކުރެވުނު އިންސްޕެކްޝަން ތަކުގައި މިފަދަ ޤަވާއިދާއި ޙިލާފު ކަންކަން ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތުން ވަޑާން ކުރުމާއި، ވިޔަފާރި ބޭނުމަށް ޔުނިޓްތައް ބޭނުން ކުރުމާއި، ގިނަ އަދަދަކަށް ކުނި އެޕާޓްމެންޓް ބޭރަށްވާ ގޮތަށް ބެހެއްޓުމާއި، ބެލްކަނިން ބޭރަށް ވާގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް ގަސް މުށި ފަދަ ތަކެތި ބެހެއްޓުން ފަދަ ކަންކަން ވަނީ މި އިންސްޕެކްޝަންތަކުން ފާހަގަވި ކަން އެކުންފުނިން ހާމަކުރެއެވެ.

މިފަދަ ކަންކަން މަނާ ކުރެވިފައިވަނީ ރައްޔިތުންގެ ފަސޭހަ އާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ކަމަށް ވާތީ، ކަނޑައެޅިފައިވާ ޤަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން މިގޮތަށް ފާހަގަކުރެވިފައިވާ އެޕާޓްމަންޓް ޔުނިޓްތައް ވަނީ ޖޫރިމަނާ ކުރެވި، ފިޔަވަޅު އެޅިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އިތުރު އިންސްޕެކްޝަން ހެދުމަށް ނިންމާފަވާ ކަމަށް ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ އެކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް ރައްކާތެރި، އަދި ފަސޭހަވެއްޓެއް ޤާއިމްކޮށްދިނުން ކަމަށެވެ.