މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާ އަށް ނުފޫޒު ފޯރުވުމާއި އޮޅުވާލުމުގެ އެތައް ކަމެއް ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފި އެވެ.
ޖޭޕީގެ ކޮންގްރެސްގެ ކަންކަން އެނގޭ ފަރާތަކުން "އައްޑޫލައިވް"އާ މައުލޫމާތު ހިއްސާކުރަމުން ބުނީ ފޮޓޯ ނެތް ފާހެއް ބޭނުންކޮށްގެން ކޮންގްރެސް ތެރެއަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ ވޯޓުގެ ސައްހަ ކަމާއި މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ.
މިހާރު އިންތިޒާމުކުރެވިފައިވާ ގޮތުން، ފާހުގައި އިންނަ ކިއުއާރު ކޯޑު ބޭނުންކޮށްގެން ދެނެގަނެވޭނެ ހަމައެކަނި މައުލޫމާތަކީ އެމީހާގެ ފުރިހަމަ ނަން ކަމަށް އެ ފަރާތުން ބުނެ އެވެ. އަދި ކޮންގްރެސް އަށް ވަންނަ ފަރާތްތައް ހަމަ އެކަނި ނަމަށް ބަލާފައި ވެއްދުމަކީ މިނިވަން، އިންސާފުވެރި، ސައްހަ އިންތިހާބެއް ބޭއްވޭނެ ކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން މިނިވަން އިންސާފުވެރި އިންތިހާބަކަށް ދޮރު ހުޅުވޭނެ ހަމައެކަނި ގޮތަކީ ކޮންފަރެންސަށް ވަންނަ ފަރާތްތަކަކީ ހަގީގަތުގައި ވެސް އެތަނުގައި ތިބެވޭނެ ފަރާތްތަކެއްކަން ކަށަވަރު ކުރެވޭނެ އިންތިޒާމެއް
ޖުމްހޫރީ ޕާޓީން ހަމަޖެއްސުމުން ކަމަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެ އެވެ. އަދި ހަމައެކަނި ނަމަށް ބަލައި ކޮންފެރަންސަށް މީހުން ވައްދައި ވޯޓުގައި ބައިވެރިވުމަކީ ވޯޓު ވަކި ގޮތަކަށް އޮޅުވާލުމަށް ބޭނުންކުރާ ހަތިޔާރެއް ކަމަށްވެސް އެ ފަރާތުން ތުހުމަތުކޮށްފައިވެ އެވެ.
ކޮންގްރެސްގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގުމަށް މަސައްކަތް ކުރަމުން ދަނީ ޕީޕީއެމް ދޫކޮށް އެ ޕާޓީއާ ގުޅިފައިވާ ފަރާތްތައް ކަމަށާއި މިއީ ވަކި ގޮތަކަށް ޖޭޕީގެ ހިންގުމުގެ މިސްރާބު ބަދަލުކޮށްލުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށްވެސް އެ ފަރާތުން ބުނެފައިވެ އެވެ.
ޖޭޕީގެ ކޮންްގްރެސްގައި އެ ޕާޓީގެ އެކި މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމުގެ އިތުރަށް އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރުމާ މެދު ވެސް ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.