ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީން އެމްޑީއޭއަށް ދައުވަތު ދީފި އެވެ.
އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް މިއަދު ވިދާޅުވީ އެމްޑީއޭ އިން ކޯލިޝަން ހެދުމުގެ މަޝްވަރާތައް އެމްޑީޕީ އާއި ޕީޕީއެމްއާއެކު މިހާރު ކޮށްފައިވާ ކަމަށާއި އަދި އެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ޖޭޕީން ވެސް ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަށް ގުޅުއްވާ ވާހަކަ ދައްކަވާފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
ގާސިމަކީ ސިޔާމްގެ ވަރަށް އަރިސް ބޭފުޅެއް ކަމަށާއި ގައުމީ މަސްހަލަތަށް އެ ދެ ބޭފުޅުން ވެސް ވަރަށް ބޮޑަށް ބައްލަވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި ފަތުރުވެރިކަން ކުރިއަށް ގެންދަން ސިޔާސީ ގޮތުން ހަމަހިމޭންކަން ރާއްޖޭގައި އޮންނަންޖެހޭ ކަމަށާއި ޖޭޕީން ރަސްމީކޮށް ހުށަހެޅުމެއް ނެތް ނަމަވެސް ދެ ބޭފުޅުންގެ މެދުގައި ވާހަކަ ދެކެވެމުންދާ ކަމަށް ވިދާޅުވި އެވެ.
އެމްޑީއޭގެ ދޮރު ހުރިހާ ފަރާތްތަކަކަށް ވެސް އޮތީ ހުޅުވިފައި ކަމަށާއި އެ ޕާޓީން ކޯލިޝަން ހަދާނީ ރައްޔިތުންގެ މަސްލަހަތާއި ގައުމާއި ދީނުގެ ހައްގުގައި އެންމެ ރަނގަޅު ބަޔަކާއެކު ކަމަށް މައުރޫފް ވިދާޅުވި އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ސިޔާމް ވަނީ ނިންމަވާފަ އެވެ. ރިޔާސީ އިންތިހާބަށް ނިކުތުމުގެ ބަދަލުގައި އެމްޑީއޭ އިން ނިންމާފައިވަނީ އެހެން ޕާޓީއަކާއެކު ކޯލިޝަނެއްގެ ގޮތުގައި އިންތިހާބަށް ނިކުތުމަށެވެ.
ސިޔާމް ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ނިންމާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާމްގެ އެމްޑީއޭ މަސައްކަތް ކޮށްފައިވަނީ ޔާމީންގެ ޕީޕީއެމާއި ކޯލިޝަނެއް ހަދައިގެންނެވެ.