ޔޫރޮޕާ ލީގުގެ ނޮކައުޓްގެ ޕްލޭ އޮފް ބުރުގެ ދެވަނަ ލެގުގައި ރޭ ބާސެލޯނާ 2-1 އިން ބަލިކުރުމަށްފަހު މުބާރާތުގެ ގަދަ 16 އަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފި އެވެ.
މި ދެ ޓީމު ބާސާގެ ދަނޑުގައި މިދިޔަ ހަފްތާގައި ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރޭގެ މޮޅާއެކު ޔުނައިޓެޑް މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރީ 4-3 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ބާސާ އިން ނިކުތީ އެޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޕެޑްރީ އަދި ގަވީއާ ނުލަ އެވެ. މި މެޗުގައި ޕެޑްރީ އަށް ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ. ގަވީ ހުރީ ސަސްޕެންޝަނުގަ އެވެ. ސަސްޕެންޝަނުގެ ސަބަބުން ފުރަތަމަ ލެގުގައި ނުކުޅެވުނު ޔުނައިޓެޑްގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް ރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ވަނީ ކުޅެފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބާސާ އިން ކަމަށްވާއިރު މެޗުގެ 18 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އެވެ. މި ޕެނަލްޓީ ބާސާ އަށް ލިބުނީ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ބާސާގެ ޒުވާން ފުލްބެކް ބަލްޑޭ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ފުރަތަމަ ހާފްގައި ބާސާ އިން ރަނގަޅަށް ކުޅުނު އިރު ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ބާސާގެ ސާޖީ ރޮބާޓޯ އަދި ކެސީ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ދެ ކުޅުންތެރިން ފޮނުވާލި ދެ ހަމަލާ ވެސް ހުއްޓުވީ ޔުނައިޓެޑްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ އެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ޔުނައިޓެޑުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ދެވަނަ ހާފްގައި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އެންޓޮނީ އެރުވިއިރު މެޗުގެ 47 ވަނަ މިނެޓްގައި އެޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. ބާސާގެ ޕެނަލްޓީއޭރިއާ ކައިރީގައި ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ފްރެޑެވެ.
މެޗުގެ 64 ވަނަ މިނެޓްގައި ބާސާގެ ޑިފެންޑަރު ޖުލްސް ކޫންޑޭ ބޮލުން ފޮނުވާލި ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ދިފާއުކުރިއިރު ޔުނައިޓެޑުން ލީޑު ނެގީ މެޗުގެ 73 ވަނަ މިނެޓްގައި އެންޓޮނީ ކާމިޔާބުކުރި ގޯލުންނެވެ. ދެވަނަ ހާފްގައި ކުޅެން އެރި އެންޓޮނީ މި ގޯލު ކާމިޔާބު ކުރީ ބާސާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
މިއީ 1998/99 ވަނަ ސީޒަނަށް ފަހު ޔޫރަޕްގެ މުބާރާތެއްގެ ގަދަ 16 އަށް ނުގޮސް ބާސާ ކެޓި ފުރަތަމަ ފަހަރެވެ.
ޔޫރޮޕާ ލީގުގެ ގަދަ 16 ގައި ޔުނައިޓެޑް ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިއަދު ނަގާ ގުރުއަތުލުމަށްފަހު އެވެ. ގަދަ 16 ގެ ފުރަތަމަ ލެގު އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.