Last Updated: July 16, 13:04
Thursday, July 16, 2026
ކުޅިވަރު

ރާމޯސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ޕީއެސްޖީގެ ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ރާމޯސް ،36، ބުނީ ކޮންމެ ލެވެލެއްގައި ދެން ކުޅުނަސް ސްޕެއިންގެ ގައުމީ ޓީމުން އޭނާ އަށް ދެން ފުރުސަތު ނެތްކަން ޓީމުގެ އާ ކޯޗު ޑި ލަ ފުއެންޓޭ އަންގާފައިވާ ކަމަށާއި އެހެންކަމުން މިއީ ގައުމީ ޓީމަށް އަލްވަދާއު ކިޔަންޖެހިފައިވާ ވަގުތު ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސްޕެއިން ޓީމަށް ހޯދި ކާމިޔާބީއާ އެއް ހަމައެއްގައި ކުޅުން ހުއްޓާލަން ކުރި އުންމީދާ އެއްގޮތަށް ކަންކަން ނުދިޔަ ކަމަށާއި އުމުރުން ދުވަސްވުމަކީ ގައުމީ ޓީމަށް ނުކުޅެންވީ ސަބަބެއް ކަމަށް ނުދެކޭ ކަމަށް ރާމޯސް ބުންޏެވެ. މިހާރުވެސް ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމުތަކުގައި ތަފާތު ދައްކަމުންދާކަމަށާއި އެގޮތުން ރާމޯސް ވަނީ ލޫކަ މޮޑްރިޗް އާއި ލިއޮނަލް މެސީ އަދި ޕެޕޭ މެންފަދަ ކުޅުންތެރިންގެ ނަން ފާހަގަކޮށްފަ އެވެ.

ރާމޯސް ވަނީ އެ ކުޅުންތެރިންނަށް ލިބުނު ފަދަ ފުރުސަތެއް އޭނާ އަށް ނެތް ކަމަށާއި ފުޓްބޯޅަ އަކީ އަބަދު އިންސާފުވެރިކޮށް ދާ އެއްޗެއް ނޫން ކަމަށްވެސް ބުނެފަ އެވެ.

ރާމޯސް އެންމެފަހުން ސްޕެއިންގެ ގައުމީ ޓީމަށް މެޗެއް ކުޅެދިނީ މާޗު، 2021 ގަ އެވެ. ރާމޯސް އަކީ ސްޕެއިން ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިއާ އެވެ. އޭނާ ވަނީ އެޓީމަށް 180 މެޗު ކުޅެދީފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ރާމޯސް ކުޅެން ފެށީ އުމުރުން 18 އަހަރުގަ އެވެ. އޭނާ ވަނީ އެޓީމާއެކު ވޯލްޑް ކަޕަކާއި ޖެހިޖެހިގެން ދެ ފަހަރު ޔޫރޯ ކާމިޔާބުކޮށްފަ އެވެ.