Last Updated: July 22, 12:00
Wednesday, July 22, 2026
ދުނިޔެ

ބިންހެލުމުގައި 47،000 މަރު

ތުރުކީ އަދި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމުގައި މިހާތަނަށް 47،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފި އެވެ.

މި މަހުގެ ފަސްވަނަ ދުވަހުގެރޭ 7.8 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 43،556 އަށް އަރާފަ އެވެ. އަދި ސީރިޔާ އިން ވަނީ 6،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ބިންހެލުމާ ގުޅިގެން 164،000 އަށް ވުރެ ގިނަ އިމާރާތް ބިމާ ހަމަވެފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި މީހުން ސަލާމަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ތުރުކީގައި އިމާރާތްތަކުގެ ދަށުން 100،000 އަށް ވުރެ ގިނަ މީހުން ވަނީ ދިރި ތިއްބާ ސަލާމަތްކޮށްފަ އެވެ.

ބިންހެލުމާ ގުޅިގެން ސީރިއާގެ 5.3 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު ތުރުކީ އާއި ސީރިއާ އިން ޖުމްލަ 900،000 މީހުން ކާތަކެއްޗަށް ޖެހިފައިވާ ކަމަށް އ.ދ އިން ހާމަކުރެ އެވެ.

މިދިޔަ ހަފްތާގައި ވެސް ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް ވަނީ 6.4 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފަ އެވެ. އެ ބިންހެލުމުގައި ގިނަ ބަޔަކަށް އަނިޔާވިއިރު ގިނަ އަދަދެއްގެ އިމާރާތްތަކެއް ވެސް ވަނީ ބިމާ ހަމަވެފަ އެވެ.