Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އުމަރު ދޮރުން ދޮރަށް ހިނގަން ފަށައިފި

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ކުރީގެ ހޯމް މިނިސްޓަރުގެ ފުރަތަމަ ދޮރުން ދޮރަށް ހިނގުމުގެ އިވެންޓް އިއްޔެ ބާއްވައިފި އެވެ.

އުމަރުގެ ފުރަތަމަ ޑޯޓުޑޯ އިވެންޓް ބޭއްވީ ވިލިމާލޭގަ އެވެ. އުމަރު ވަނީ މި ހަރަކާތުގައި ވިލިމާލޭގެ އެކި އުމުރުފުރާތަކުގެ ރައްޔިތުންނާ ބައްދަލުކޮށްފަ އެވެ.

ވިލިމާލޭގައި މިރޭ އުމަރުގެ ހާއްސަ ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މި ޖަލްސާ އޮންނާނީ މިރޭ 9 ޖަހާއިރު ކަޅުތުއްކަލާ މަގު އަދި ވާރުމަގު ބެދޭ ސަރަހައްދުގަ އެވެ.

އުމަރު ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ. ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި އުމަރު ވަނީ އޭނާގެ މައިގަނޑު ސިޔާސަތުތައް އާންމުކޮށްފަ އެވެ. އެގޮތުން އޭނާގެ ވެރިކަމެއްގައި އިސްލާމީ ޝަރީއަތުގައިވާ ހުކުމްތައް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން އުމަރު ވަނީ އަރުވާފަ އެވެ.

ރިޔާސީ އިންތިހާބުގައި އުމަރު ވާދަކުރުމަށް ހަމަޖެހިފައި ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.