އިންޓަނެޓް ބޭންކިންގ ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު ތަފާތު ގޮތްތަކަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މައްސަލަތަކެއް ދިވެހި ފުލުހުންގެ ޚިދުމަތަށްދަނީ ހުށަހެޅެމުންނެވެ.
އެގޮތުން، އިންޓަނެޓް ބޭންކިންގ ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު، އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފަރ ކުރަމާއި އިންޓަނެޓް ބޭންކިންގ އެޕްލިކޭޝަން ބޭނުންކޮށްގެން އެކި ފިހާރަތަކުން ކިއު.އާރު ސްކޭން މެދުވެރިކޮށް މޯބައިލް ފޯނާއި އިލެކްޓްރޯނިކް ޑިވައިސް އާއި ތަފާތު މުދާ ގަނެފައިވެއެވެ.
ހުށަހަޅާފައިވާ މިފަދަ މައްސަލަތަކުގައި ލޮގްއިން ކްރެޑެންޝަލްސް ކޮމްޕްރޮމައިޒް ވެފައިހުންނަ ގޮތްތައް ތަހުގީގުތަކަށް ފާހަގަކުރެވިފައި ވެއެވެ. އެގޮތުން އެކި މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ނަމުގައި އޮޅުވާލައިގެން އެސް.އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ (ޕިޝިން) ލިންކުތަކަށް ވަދެ އެ މައުލޫމާތުތައް ހިއްސާކުރުމަށް އެދިފައި ހުންނަކަން ފާހަގަ ކުރެވެއެވެ.
މި ގޮތަށް ފޮނުވާ ލިންކުގެ ބޭނުމަކީ އީމެއިލް އެޑްރެސް ކޮމްޕްރޮމައިޒް ކޮށްލުމެވެ. ފޮނުވާ ލިންކަށް ފިތާލުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހުމަށް އާދެއެވެ. މި މައުލޫމާތު ފުރިހަމަކޮށްފިނަމަ އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ސްކޭމް ހިންގާފަރާތްތަކަށް އެނގިގެންދެއެވެ. މިބާވަތުގެ ލިންކުތައް، ކުށްކުރާ މީހުން އެކި މުއައްސަސާގެ ނަމުގައި ތައްޔާރުކުރެއެވެ. މިސާލަކަށް، އެޗްޑީސީގެ ފަރާތުން ޕޯޓަލްއަޕްޑޭޓް ކުރުމަށް ނުވަތަ އެނޫންވެސް ސަބަބަކާހުރެ ކަމަށްބުނެ ފޮނުވާ ލިންކަށް ފިތާލުމުން، އެ ލިންކު ހުޅުވައިލާއިރު އެއީ އެޗްޑީސީގެ ވެބްސައިޓުކަމަށް ގަބޫލުކުރެވޭ ގޮތަށް ފަރުމާކޮށްފައިހުރެއެވެ. އަދި ލިންކަށް ފިތާލުމުން ހުޅުވޭ ވެބްސައިޓަކީ ސައްހަނޫން ސައިޓެއްކަން ދެނެގަންނާނެ ގޮތް ގިނަ މީހުންނަށް ނޭނގި އަދި އެ ވެބްސައިޓަކީ ސައްހަ ވެބްސައިޓެއްކަމަށް އިތުބާރުކޮށް ލޮގްއިން ކުރަން ބޭނުންކުރާ މައުލޫމާތުދެވިފައި ހުންނަކަން ފާހަގަކުރެވިފައިވެއެވެ

މީގެ އިތުރުން، އިންޓަނެޓް ބޭންކިންގ ރަޖިސްޓްރީ ކުރުމަށްޓަކައި ބެންކަށް ދީފައިވާ އީމެއިލް އެޑްރެސް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެކައުންޓްތައް ހެދުމާއި، އީ ކޮމަރސް ވެބްސައިޓުތަކުގައި ރަޖިސްޓްރީކުރުމާއި، މިނޫންވެސް އޮންލައިން ގިނަ ސަރވިސްތަކެއްގައި އެއް އީމެއިލް އެޑްރެސްއެއް މެދުވެރިކޮށް ރަޖިސްޓްރީ ކޮށްފައި ހުންނަކަން ފާހަގަކުރެވެއެވެ. މިގޮތަށް އޮންލައިން ސަރވިސްތަކުގައި ރަޖިސްޓްރީކުރާއިރު ގިނަ ފަހަރު އީމެއިލް އެޑްރެސް އަދި ޕާސްވޯޑް ޖަހަންޖެހުމުން، އެ ޚިދުމަތްތަކުގައިވެސް އަސްލު އީމެއިލްގެ ޕާސްވޯޑް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ހުރިހާ ސަރވިސްއެއްގައި އެއް ޕާސްވޯޑް ޖަހާފައި ހުންނަކަމާ އަދި ބޭނުންކުރާ އީމެއިލް އެޑްރެސްވެސް އެ އީމެއިލް ސަރވިސްއިން ދީފައި ހުންނަ ސެކިއުރިޓީ ފީޗަރސް އެކްޓިވޭޓްކޮށް ރައްކާތެރިކަމުގެ ގޮތުން އެޅެން ހުންނަ ފިޔަވަޅުތައް ސެކިއުރިޓީ ސެޓިންގްސް ކޮންފިގަރ ކޮށްފައި ނުހުންނަކަން ފާހަގަކުރެވެއެވެ.
އާންމުކޮށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގެ (ފޭސްބުކް ޓުވިޓަ، އިންސްޓަގްރާމް) ޑޭޓަ ބްރީޗްތަކުގައި ވެސް ދިވެހިރާއްޖޭގެ އެތައް ބައެއްގެ ޑޭޓާ (ލޮގްއިން ކްރެޑެންޝަލްސް) މިހާރުވެސް އިންޓަނެޓްގައި ލީކުވެފައިވެއެވެ. މިފަދަ ހާދިސާތައް ހިނގުމުން، މިއީ ކިހިނެއް ހިނގާ ކަމެއްކަން ގިނަ މީހުންނަށް އެނގިފައެއް ނުހުރެއެވެ. އަދި އެފަދަ އެޕްލިކޭޝަންތައް ބޭނުންކުރަމުންދާއިރު އެ އެޕްލިކޭޝަންތަކުންވެސް ޕާސްވޯޑް ބަދަލުކުރުމަށް އާންމުކޮށް އަންގައި އިއުލާނުކުރާއިރުވެސް ހަނދާންނެތި ނުވަތަ އެހެން ސަބަބަކާ ލައިގެން ނަމަވެސް އެކަން ނުކޮށް ހުންނަކަން ފާހަގަކުރެވިފައިވެއެވެ.
އިންޓަނޭޝަނަލް އެއްވެސް ޑޭޓާ ބްރީޗެއްގައި ތިޔައިން ބޭފުޅެއްގެ އީމެއިލް އެޑްރެސް އަދި ޕާސްވޯޑް އިންޓަނެޓްގައި ލީކުވެފައިވޭތޯ https://haveibeenpwned.com ލިންކް މެދުވެރިކޮށް ބަލާލެވޭނެއެވެ.
ބައެއް މައްސަލަތަކުގައި، އީމެއިލް އެކައުންޓުގެ ޕާސްވޯޑް މެނޭޖަރގައި އިންޓަނެޓް ބޭންކިންގ ޔޫސަރ ނޭމާއި ޕާސްވޯޑް ސޭވްކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން މި މައުލޫމާތު ސޭވްކުރެވިފައިވާނަމަ އީމެއިލް ކޮމްޕްރަމައިޒް ވުމުން ސްކޭމް ހިންގާ މީހުންނަށް މި މައުލޫމާތު ލިބިގެންދެއެވެ. އަދި އިތުރު އެއްވެސް ހުރަހެއް ނެތި އިންޓަނެޓް ބޭންކިންގއަށް އެކްސެސް ލިބިގެންދެއެވެ. އަދި އަމިއްލަ ޑިވައިސް ނޫން އެހެން ޑިވައިސްތަކުން (އިތުބާރު ނުހިފޭ ޑިވައިސްއަކުން) އިންޓަނެޓް ބޭންކިންގ އަދި އީމެއިލް ސަރވިސްތަކަށް އެކްސެސްވެ އެފަދަ ޑިވައިސްތަކުގެ ބްރޯޒާގައި ޕާސްވޯޑް ސޭވްކުރެވިފައި ހުންނަކަންވެސް ފާހަގަކުރެވިފައިވެ އެވެ.

އިންތިޒާމްވެގެން މިފަދަ އަމަލުތައް ހިންގާ މީހުން ހޯދުމަށްޓަކައި މިހާތަނަށް ގިނަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާއިރު މިހާރުވެސް މިފަދަ ގިނަ މަސައްކަތްތަކެއްދަނީ ކުރެވެމުންނެވެ.
އެހެންކަމުން އިންޓަނެޓް ޚިދުމަތްތައް ހޯދައި ލިބިގަތުމުގައި ބޭނުންކުރާ އީމެއިލް އެޑްރެސް އަދި ޕާސްވޯޑުތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވެ، ޓޫ ފެކްޓަރ އޮތެންޓިކޭޝަން ފީޗަރސްތައް ބޭނުންކުރުމާއި، ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި އެއް ޕާސްވޯޑެއް ގިނަ އެކައުންޓްތަކުގައި ބޭނުން ނުކުރުމަށް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ.
މިފަދަ މައްސަލަތަކުގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިހާރުވެސް ގިނަ އީމެއިލް އެޑްރެސްތަކެއް ކޮމްޕޮމައިޒްވެފައި ހުރިކަން ފާހަގަ ކުރެވޭތީ އީމެއިލް ޕާސްވޯޑާއި އިންޓަނެޓް ބޭންކިންގ ޕާސްވޯޑް ބަދަލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށްވެސް އިލްތިމާސްކުރަމެވެ.
ނޯޓް: މިއީ ފުލުހުން ގެނެސް ދީފައިވާ ލިޔުމެކެވެ.