ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީގެ ހިދުމަތް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅަށް ދޭން ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަލިޖީހުގައި ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން ދެމުން އަންނަ ހިދުމަތުގެ ތެރެއިން ހުވަދު އާއި އައްޑު އާއި ފުވައްމުލައް ގުޅައިނަން ފަށާ ހިދުމަތް ދޭން ބޭނުންވާ ފެރީތައް ބަނުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
"ޕްލޭންކޮށްފައި އޮތީ މި އަހަރުގެ ޖުލައި ހިސާބަށް ހުވަދުއަތޮޅު ހިމެނޭހެން ސަދަން ރީޖަންގައި އެމަ ސައްކަތް ފަށަން،" އަސްލަމް ވިދާޅުވި އެވެ. "އެކަމަކު ފެރީތަކުގައި ރެކްޓިފައި ކުރަންހުރި ކަންކަން އެބަހުރި. އެކަންކަން ރަނގަޅުކޮށް މާޗްމަހުގެ ތެރޭގައި ފުލް ޕްރޮޑަކްޝަންގެ މަސައްކަތް ފެށޭނެ ކަމަށް ބެލެވެނީ. އޭރުން އެ ސަރަހައްދަށް ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 10 ވެސަލް އެހާ ތަނަށް ލިބޭނެ ކަމަށް މި ބަލަނީ."
އަސްލަމް ވިދާޅުވި ގޮތުގައި އާރްޓީއެލް ފެރީތައް ކުރިން ބަންނަމުން އައި ގަލްފް ކްރާފްޓުންނެވެ. އެކަމަކު މިހާރު އެ މަސައްކަތް ކުރަނީ އަލްޝާލީ މެރިންސް އިން ކަމަށް ވިދާޅުވި އެވެ.