Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

އެމްޑީޕީއާ ކުރާނެ މަޝްވަރާއެއް ނެތް: ނަޝީދު

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީއާ އެކީ އެ މަނިކުފާނު ކުރައްވާނެ މަޝްވަރާއެއް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓަކުން މިއަދު އެ މޭރުމުން ޓްވީޓްކުރެއްވުމަށް ފަހު، ދެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ވިދާޅުވެވުނީ ގޯހަކުން ކަމަށެވެ. ނަމަވެސް މުޅި ރާއްޖެ އަދި އެމްޑީޕީ އަށް ހެޔޮގޮތް ހޯދަން މަސައްކަތްކުރަން ޖެހުނަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކީ އެކަން ވާން ނެތް ކަމަށެވެ.

"އެއީ ރައީސް ސޯލިހާ އެކީ ހުރެގެން ވާން އޮތް ކަމެއްގެ ގޮތުގައި ނުފެނޭ." ނަޝީދު ވިދާޅުވި އެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ރައީސް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވީ ނަޝީދާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. ނަމަވެސް ނަޝީދު ވަނީ ރައީސަށް ތާއީދުކުރައްވަން ދެކޮޅު ހައްދަވައި، އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވަން މަސައްކަތް ފައްޓަވައިފަ އެވެ.

މިކަމާ ގުޅިގެން ރައީސަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ނަޝީދަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، ނަޝީދު އެމްޑީޕީ ހަލާކުކޮށްލައްވަން އުޅުއްވާ ކަމަށް އަންނަނީ ތުހުމަތު ކުރައްވަމުންނެވެ. އަދި ބައެއް މެމްބަރުން ވަނީ ނަޝީދު ޕާޓީން ވަކިކުރުމަށް ވެސް ގޮވާލައިފަ އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕާޓީގެ ރައީސްގެ މަގާމު ހުންނަވައިގެން ރިޔާސީ ކެންޑިޑޭޓަކާ ދެކޮޅަށް ނަޝީދު މަސައްކަތްކުރެއްވުމަކީ ޕާޓީގެ އަސާސީ ގަވާއިދާއި ޑިމޮކްރަސީއާ ވެސް ހިލާފަށް ކުރައްވަމުން ގެންދަވާ ކަމެކެވެ.

އެމްޑީޕީން މިހާރު ގެންދަވަނީ ކޯލިޝަން ހައްދަވަން އެހެން ޕާޓީތަކާ އެކީ މަޝްވަރާކުރައްވަމުންނެވެ.