Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ސަލްމާންގެ ފިލްމަށް ޝާހްރުކް ޝޫޓްކުރާނީ އެޕްރީލްގައި

މި އަހަރުގެ ނޮވެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ޓައިގާ 3" ގައި ހިމެނޭ ޝާހްރުކް ޚާންގެ ހާއްސަ ފެނިލުމުގެ ޝޫޓިން އަންނަ އެޕްރީލް މަހުގެ ތެރޭގައި ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

ޝޫޓިންގެ ބޮޑު ބައި 2021 ގައި ނިންމާފައި އޮތް މި ފިލްމުގައި ޝާހްރުކް ފެންނާނީ މިދިޔަ މަހު ރިލީޒްކުރި "ޕަތާން" ގައި އޭނަ ކުޅުނު ކެރެކްޓާއިންނެވެ. އަދި އޭގައި ސަލްމާންގެ ފެނިލުން ވަރަށް ހާއްސަކޮށް ގެނެސްދިން ގޮތަށް "ޓައިގާ 3" ގައި ހިމެނޭ ޝާހްރުކްގެ ކެމިއޯ ވެސް ވާނީ ފިލްމުގެ ވަރަށް ބޮޑު ހައިލައިޓަކަށެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ޝާހްރުކްހެ 2016 ގެ "ފޭން" ގެ ޑައިރެކްޓަރު މަނީޝް ޝަރުމާ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މި އަހަރުގެ ނޮވެމްބަރުގައި ފާހަގަކުރާ ދިވާލީއާ ދިމާކޮށް ގެނެސްދޭން ތާވަލުކޮށްފައި އޮތް "ޓައިގާ 3" ގެ ބަތަލާ އަކީ މީގެ ފުރަތަމަ ދެ ބައިގައި ވެސް ސަލްމާނާ އެކީ ބަތަލާގެ ރޯލު ކުޅުނު ކެޓްރީނާ ކައިފެވެ. އަދި މި ފަހަރު ފިލްމުގެ މައި ވިލަން އަކީ އިމްރާން ހާޝިމީ އެވެ.

ޓައިގާ 3" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. މި ފިލްމުގައި ސަލްމާނާ އެކީ ޝާހްރުކްގެ ފެނިލުމެއް ހިމަނާ އިރު، މި ދެ ތަރިންގެ ޕަތާން އާއި ޓައިގާ ކެރެކްޓާތަކުގެ ކޯޅުންތަކަށް ވައިއާރްއެފުން ފިލްމެއް ހަދަން ތައްޔާރީތައް ވެސް ވަމުން އަންނަ ކަމަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކުރި އެވެ.