އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ސޯރަބް ގަންގޫލީގެ ބައޮގްރަފިކަލް ޑްރާމާގައި އޭނަގެ ރޯލު ކުޅޭނީ ރަންބީރް ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމު ހަދަން ނިންމާފައި އެކަން 2021 ގައި އިއުލާންކުރީ އަންނަ މަހުގެ 8 ގައި ރިލީޒްކުރާ ރަންބީރްގެ ފިލްމު "ތޫ ޖޫޓީ، މޭ މައްކާރް" ގެ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމު ކުންފުނި، ލަވް ފިލްމްސްއިންނެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނީ ގަންގޫލީގެ ބައޮޕިކަށް ރަންބީރް މިހާރު ނަގާފައިވާ ކަމަށާއި ފިލްމުގެ ޝޫޓިން ވެސް ވަރަށް އަވަހަށް ކަލްކަތާގައި ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު މިކަން ފިލްމުގެ ޓީމުން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ގަންގޫލީގެ ބައޯޕިކް ހެދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވެނު ދުވަސްވަރު އެ ފިލްމު ރިތިކް ރޯޝަން ކުޅޭނެ ކަމަށް ބުނެ ވާހަކަ ދެކެވިފައިވާ ކަމެވެ.
ގަންގޫލީގެ ބައޮޕިކް ރަންބީރް ކުޅޭ ނަމަ މި ފިލްމު ވާނީ އޭނަގެ ކެރިއަރުގައި ކުޅޭ ދެވަނަ ބައޮގަރްފިކަލް ޑްރާއަށެވެ. ރަންބީރް ކުރިން ވަނީ އެކްޓަރު ސަންޖޭ ދަތުގެ ވާހަކަ ކިޔައިދިން 2018 ގެ ފިލްމު "ސަންޖޫ" ގައި ސަންޖޭގެ ރޯލު ކުޅެފަ އެވެ. އެ ފިލްމަކީ "3 އިޑިއަޓްސް" އާއި "ޕީކޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރި ފިލްމެކެވެ.
ގަންގޫލީ، 50، އަކީ އިންޑިއާ ގައުމީ ޓީމަށް 1996، 1999 2003 އަދި 2007 ގެ ކްރިކެޓް ވޯލްޑް ކަޕުގައި ކުޅެ އޭގެ ތެރެއިން 2003 ގައި ކެޕްޓަންކަން ކުރި މީހެކެވެ.
ގަންގޫލީ ވަނީ އިންޑިއާ އަށް 113 ޓެސްޓް މެޗު އަދި 311 ވަންޑޭ އިންޓަނޭޝަނަލް މެޗު ކުޅެދީފަ އެވެ. އޭނަގެ ކެޕްޓަންކަމުގައި 2000-2005 އަށް އިންޑިއާ ކުޅުނު 49 މެޗުގެ ތެރެއިން 21 މެޗުން މޮޅުވި އެވެ. ގަންގޫލީ އަކީ ގައުމުން ބޭރުގައި އެންމެ ގިނަ ޓެސްޓް މެޗު ކާމިޔާބުކޮށްދިން އިންޑިއާ ކެޕްޓަން ވެސް މެ އެވެ.