Last Updated: July 22, 12:00
Wednesday, July 22, 2026
މުނިފޫހިފިލުވުން

ނެޓްފްލިކްސްގެ ފީ ކުޑަކޮށްފި

ނެޓްފްލިކްސްގެ ހިދުމަތަށް ނަގާ މަހު ފީ 30 އަށް ވުރެ ގިނަ ގައުމުތަކުގައި ކުޑަކޮށްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމުން ބުނީ ސަބްސްކްރިޕްޝަން ފީ ކުޑަކުރީ ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކާ ހެދި ވަރަށް ގިނަ ގައުމުތަކުގައި މުދަލާއި ހިދުމަތުގެ އަގު އުފުލިފައިވާތީ އެކަމަށް ގެނެސްދޭ ލުއެއްގެ ގޮތުގައި ކަމަށެވެ. އަދި ފީ ކުޑަކުރުމުން ނެޓްފްލިކްސް އަށް އޭގެ ފައިދާ ކުރާނެ ކަމަށާއި އެންމެ ބޮޑު ކަމަކަށް ވާނީ އޭގެ ސަބަބުން އިތުރު ސަބްސްކްރައިބަރުން ލިބުން ކަމަށް ބުންޏެވެ.

ނެޓްފްލިކްސް އިން ފީ ކުޑަކުރީ އޭޝިއާގެ ބައެއް ގައުމުތަކާއި ޔޫރަޕާއި ލެޓިން އެމެރިކާ އާއި އެފްރިކާގެ ބައެއް ގައުމުތަކުގެ އިތުރުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގަ އެވެ. އެގޮތުން ސަބްސްކްރިޕްޝަން ފީ ކުޑަކުރި ގައުމުތަކުގެ ތެރޭގައި މެލޭޝިއާ، އިންޑޮނީޝިއާ، ތައިލޭންޑް، ފިލިޕީންސް، ކްރޮއޭޝިއާ، ވެނެޒުއާ، ކެންޔާ އަދި އިރާން ފަދަ ގައުމުތައް ހިމެނެ އެވެ.

ނެޓްފްލިކްސް އިން ބުނި ގޮތުގައި އަގު ކުޑަކުރި ބައެއް ގައުމުތަކުގެ ސަބްސްކްރިޕްޝަން ފީ ވަނީ ދެ ގުނަ އަށް ކުޑަކޮށްފަ އެވެ.

ނެޓްފްލިކްސްގެ ހިދުމަތް ދުނިޔޭގެ 190 އަށް ވުރެ ގައުމުތަކުގައި ދެ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، އެކަމާ ގުޅިގެން އެ ކުންފުނިން އެކި ކަހަލަ ފިޔަވަޅުތައް ވެސް އެޅި އެވެ. ނަމަވެސް އަހަރު ނިމުނު އިރު، ނެޓްފްލިކްސް ސަބްސްކްރައިބަރުންގެ އަދަދު އަނެއްކާ ވެސް ބޮޑުތަނުން އިތުރުވެ، އެ ކުންފުނި ވަނީ ދަމަހައްޓަމުން އައިސް ސްޓްރީމިން ހިދުމަތުގެ ރަސްކަން އަތުލައިފަ އެވެ.