އުތުރާއި ދެކުނުގައި ތަރައްޤީ ކުރާ ދެ އެއާޕޯޓުގެ ސަބަބުން އިޤްތިޞާދު 15 ބިލިއަން ޑޮލަރަށް މަތިވެގެންދާނެ ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީރު މިހެން ވިދާޅުވެފައިވަނީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ އޭޝިއާ އިކޮނޮމިކް ޑައިލޮގްގެ އިނޯގްރަލް ސެޝަންގައި ވާހަކަ ދައްކަވަމުންނެވެ. މި ޕެނަލް ޑިސްކަޝަންގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރު އަދި ބޫޓާންގެ ފިނޭންސް މިނިސްޓަރ ލިއޮންޕޯ ނަމްގޭ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންޑިއާއި ރާއްޖެ ދެމެދު އޮތް ގުޅުމާއި ގުޅޭގޮތުން، ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، އިންޑިއާގެ އެހީތެރިކަމާއި އެކު ރާއްޖޭގައި ހިންގޭ މަޝްރޫޢުތަކަކީ މުސްތަޤުބަލުގައި ލިބޭނެ ކުރިއެރުމަށް އާމާޒުކޮށް ހިންގޭ މަޝްރޫޢުތަކެއް ކަމަށެވެ.
މިގޮތުން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކަށް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ. އެގޮތުން ތިލަމާލެ ކަނެކްޓިވިޓީ ބްރިޖާއި ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްޤީ ކުރަމުންދާ އެއާޕޯޓު ފާހަގަ ކުރެއްވިއެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓަކީ އަހަރަކު 1.8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށް ތަރައްޤީ ކުރެވޭ އެއާޕޯޓެކެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ހަމަ މިއަދަދަށް ޚިދުމަތް ދިނުމަށް ދެކުނުގައި ތަރައްޤީކުރެވޭ އެއާޕޯޓެކެވެ.
A good discussion with Ministers of Finance, Ibrahim Ameer of Maldives and Lyonpo Namgay of Bhutan at the Asia Economic Dialogue in Pune today. @PuneIntCentre
Discussed the global economic situation and role of India’s G20 Presidency. pic.twitter.com/m4611SWHR5
— Dr. S. Jaishankar (@DrSJaishankar) February 23, 2023
މިދެ އެއާޕޯޓް މަޝްރޫޢުއާއެކު ދިވެހި އިޤްތިޞާދު 6 ބިލިއަން ޑޮލަރުން 15 ނުވަތަ 20 ބިލިއަން ޑޮލަރަށް މަތިވެގެންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ މިހާރު 6 ބިލިއަން ޑޮލަރުގެ އިޤްތިޞާދެއް." އަމީރު ވިދާޅުވިއެވެ. "އެހެންނަމަވެސް އުތުރާއި ދެކުނުގެ މި އެއާޕޯޓުތައް އައުމުން ކުރިއަށް އޮތް 15-10 އަހަރު ތެރޭ، އަޅުގަނޑުމެން މިބަލަނީ 20-15 ބިލިއަން ޑޮލަރުގެ އިޤްތިޞާދަކަށް"
އަމީރުގެ ވާހަކަ ފުޅުގައި 2018 ވަނަ އަހަރު މި ސަރުކާރުން ހަވާލުވިއިރު، ރާއްޖޭގެ ސާފު ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމް ކުރެވިފައިވަނީ %30 ރަށުގައި ކަމަށާއި ނަމަވެސް މިހާރު އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ސަބަބުން %70 މަސައްކަތް ނިމިފައިވާ ކަމަށް އަމީރު ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި އަމީރު ވަނީ ރާއްޖެއިން އެންމެ ބޮޑަށް މިހާރު ކަންބޮޑުވާ ތިން މައްސަލައަކީ، މޫސުމަށް އަންނަ ބަދަލުތަކާއި، ކޯވިޑާއި ރަޝިޔާ ޔޫކްރެއިން ފަދަ ދުނިޔޭގެ އިޤްތިޞާދަށް ބަދަލު ގެނުވާ ކަންކަމާއި އަދި ތަރައްޤީ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ކަމަށް ވިދާޅުވެފައެވެ.
މިއީ އޭޝިއާ އިކޮނޮމިކް ޑައިލޮގްގެ 7 ވަނަ އެޑިޝަންއެވެ. މި ފޯރަމުގައި ބައިވެރިވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ އިންޑިއާގެ ޕޫނޭއަށް ވަޑައިގެންފައެވެ. މި ކޮންފަރެންސް ކުރިއަށް ދާނީ މިމަހުގެ 23 އިން 25 އަށެވެ.