Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ކޮންމެ ނިންމުމެއް ވެސް ނިންމާނީ ދީނަށްޓަކައި

ސިޔާސީ ގޮތުން އަދާލަތު ޕާޓީ ނިންމާ ކޮންމެ ނިންމުމެއް ވެސް ނިންމާނީ ދީނާއި ގައުމަށްޓަކައި ކަމަށް އެ ޕާޓީ އަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް، އެ ޕާޓީއާ އެކީ އަދާލަތުން ކޯލިޝަން ހަދަން ނިންމުމާ ގުޅިގެން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަދާލަތުން ކަންތައް ކުރާނެ ގޮތެއް ނިިންމީީ މަޝްވަރާކޮށް، ގިނަ ދިރާސާތާކަށް ފަހު ކަމަށެވެ.

"ޢަދާލަތުގެ ކޮންމެ ނިންމުމަކީ ވެސް ދީނާއި ޤައުމުގެ ޙައްޤުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަޝްވަރާގެ އުޞޫލުން ނިންމާ ނިންމުންތަކެއް." އޭނާ ވިދާޅުވި އެވެ.

އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަކަށް އިގުރާރު ވާނީ ލައްކަ ވިސްނުމަށް ފަހު ކަމަށެވެ.

އަދާލަތީ ސަރުކާރު ކޯލިޝަންގެ މިހާރުގެ ވެސް އެއް ބައިވެރިޔާ އެވެ. އެ ކޯލިޝަންގައި ދެން އެމްޑީޕީއާ އެކީ ހިމެނެނީ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އިން ވެސް މިހާރު ވަނީ އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ނިންމައިފަ އެވެ.