ގާނޫނުގައި ބުނާ މިންވަރަށް މިހާރު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގައި މެމްބަރުން ހަމަނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެ ޕާޓީ އަކީ 3،000 މެމްބަރުން ހަމަނުވެގެން މިދިޔަ އަހަރު ވެސް މެމްބަރުން ހަމަކުރަން އީސީން ނޯޓިސް ދިން ޕާޓީގެ ތެރެއިން އެއް ޕާޓީ އެވެ. އެހެންވެ އޭރު ޕާޓީ އުވައިލަން ނޯޓިސް ދިނުމުން އެމްއާރްއެމުން މެމްބަރުންގެ އަދަދު 3،000 އަށް އިތުރުކުރި އެވެ.
ނަމަވެސް ރިޔާސީ އިންތިހާބު ވެސް ބޯމަތިވެ، ބޮޑެތި ޕާޓީތަކުން މިހާރު ކޯލިޝަން ހެދުމުގެ މަސައްކަތްކުރަމުން އަންނަ އިރު، އެމްއާރްއެމްގައި ގާނޫނުގައި ބުނާ މިންވަރަށް މެމްބެރުން ނެތުމަކީ އިތުރު ގޮންޖެހުމަކަށް ވާނެ އެވެ. އެމްއާރްއެމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. އީސީގެ މިހާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ޕާޓީގައި މިހާރު ތިބީ 2،981 މެންބަރުންނެވެ.
އެމްއާރްއެމްގެ އިތުރުން ދެން 3،000 މެންބަރުން ހަމަނުވެގެން އީސީން ދާދި ފަހުން ވަނީ ޑީއާރުޕީ އާއި އެމްއެލްއެސްޑީޕީ އުވައިލަން ނިންމައިފަ އެވެ.
އެމްއާރުއެމަކީ ނޮވެމްބަރު 20، 2019 ގައި ރަޖިސްޓްރީކުރި ޕާޓީއެކެވެ.