އިންޑިއާގެ ފިލްމީ ތަރި ނަވާޒުއްދީން ސިއްދީގީއާ ދެކޮޅަށް އަންހެނުން އާލިއާ ރޭޕްގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.
އެ މައްސަލަ ބުރާސްފަތި ދުވަހު ރިޕޯޓްކޮށް، ނަވާޒުއްދީނާއި އޭނަގެ އާއިލާއާ ބެހޭ ބައެއް ވާހަކަތައް ވެސް އާލިއާ އިންސްޓަގްރާމް ވީޑިއޯއެއްގައި ހިއްސާކޮށްފައިވެ އެވެ. ނަވާޒުއްދީނާއި އާލިއާ ދެމެދު މައްސަލަތައް ޖެހި، އެކި ކަހަލަ ކޯޅުންތައް އުފެދެން ފެށީ 2020 ގަ އެވެ.
އާލިއާ ބުނީ ފިރިމީހާއާ ދެކޮޅަށް ރޭޕްގެ މައްސަލައެއް ރިޕޯޓްކުރަން މަޖުބޫރުވީ އެ ދެ މީހުންނަށް ލިބިފައިވާ ކުދިންނަކީ ނަހަލާލު ދަރިން ކަމަށް މައިދައިތަ ބުނެފައިވާތީ ކަމަށެވެ. އާލިއާ ބުނި ގޮތުގައި އޭނަ ދުވަސްތަކެއް ވަންދެން ދުބާއީގައި އުޅެފައި އެނބުރި މުމްބާއީ އަށް ދިއުމުން މައިދައިތަ ދަނީ ގޭގައި އުޅެން ދަތިކުރަމުންނެވެ. އެގޮތުން ބަދިގެއަށާއި ފާހާނާ އަށް ވެސް ވަންނަން ހުރަސް އަޅަމުންދާ ކަމަށް ބުނެފައިވެ އެވެ.
އާލިއާ ބުނީ ނަވާޒުއްދީންގެ މަންމަ އޭނަ އާއި މާމަދަރިންނާ މެދު ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށެވެ. އަދި ނަވާޒުއްދީންގެ އަމަލުތައް ވެސް ހުރީ ހަމަ އެ ގޮތަށް ކަމަށާއި އޭނަ ދަރިންނާ އަޅާނުލާ ކަމަށް ބުނެފައިވެ އެވެ. އާލިއާ ވަނީ މޮޅު އެކްޓަރަކު، މާ ރަނގަޅު މީހަކަށް ހެދެން އުޅުނަސް ނަވާޒުއްދީނަކީ ވަރަށް ހުލްގު ނުބައި މީހެއް ކަމަށް ބުނެފަ އެވެ.
މާމަދަރިންނަކީ ނަހަލާލު ދަރިން ކަމަށް މައިދައިތަ ބުނެފައިވާތީ ނަވާޒުއްދީންގެ މައްޗަށް ރޭޕްގެ މައްސަލަ އާލިއާ ރިޕޯޓްކުރީ ވާސޮވާ ޕޮލިހަށެވެ. އެކަމަކު އަދި މިކަމާ ގުޅިގެން ފުލުހުން ނަވާޒުއްދީނަށް ނޯޓިސް ފޮނުވި ކަމެއް ކަށަވަރެއް ނުވެ އެވެ.
ނަވާޒުއްދިނާއި އާލިއާގެ ދަރިންނަކީ ޝޯރާ ކިޔާ އަންހެން ކުއްޖަކާއި ޔާނީ ކިޔާ ފިރިހެން ކުއްޖެކެވެ. އެ ދެ މީހުން ކައިވެނިކުރީ 2009 ގަ އެވެ.