Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބަދަލެއް ނައިސް ކުރިއަށްދާ ހަމައެކަނި ޕާޓީ އަކީ އަދާލަތު

އިމްރާން އަބްދުﷲ- ފޮޓޯ: އަދާލަތު ޕާޓީ

ބަދަލެއް ނައިސް މަޑުމަޑުން ކުރިއަށްދާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އަދާލަތު ޕާޓީކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ހޭރިޔާ 2023" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން ފެށުނީއްސުރެއް މަސައްކަތް ކޮށްފައިވަނީ ރާއްޖޭގެ ބަދަލުވަމުންދާ ސިޔާސީ މަޝްރަހުގައި އިސްލާމީ އިސްލާހީ ކުލަ ޖެއްސުމަށް ކަމަށެވެ. އަދާލަތު ޕާޓީއަކީ ރާއްޖޭގައި ތިން ވަނައަށް ރަޖިސްޓްރީ ކުރެވުނު ޕާޓީކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ އިސްލާހީ މަސައްކަތް ބިނާކުރަނީ އިސްލާމީ ޝަރުއީ އިސްލާހީ މަސައްކަތެއްގެ މައްޗަށް ކަމަށެވެ.

"އެދެވަހުން ފެށިގެން ބަދަލެއް ނައިސް އެއްގޮތެއްގައި މަޑުމަޑުން ކުރިއަށްދާ ހަމައެކަނި ޕާޓީއަކީ އަދާލަތު ޕާޓީއޭ ބުނުމަކުން ގޯހަކަށް ނުވާނެ ކިތަންމެ ޕޮއިންޓެއް އަޅުގަނޑު ސާބިތުކޮށްދޭނަން." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އަދާލަތު ޕާޓީއަކީ އެއް ލީޑަޝިޕުން އަނެއް ލީޑަޝިޕަށް ބަދަލުވީއިރު ޕާޓީގެ ސިޔާސަތާއި ގަބޫލުކުރާ ހަމަ ބަދަލުނުވެ އޮތް ސިޔާސީ ޕާޓީއެއް ކަމަށެވެ. ރާއްޖޭގައި ދެން އެންމެ ރަނގަޅަށްވެސް އޮތް ސިޔާސީ ޕާޓީއަކީ އެމްޑީޕީކަމަށް އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީގައި ފުރަތަމަ ރައީސަކު ހުންނެވިކަން ފާހަގަކޮށް އިމްރާން ވިދާޅުވީ މިއަދު ރައީސަކަށް ހުންނެވީ އޭނާ ކަމަށާއި އެހެންނަމަވެސް އަދާލަތު ޕާޓީގެ އުސޫލަކަށް ސިޔާސަތަކަށް ބަދަލެއް ނާންނަ ކަމަށެވެ.

"އަޅުގަނޑުމެންނާއެކު އުފެދިގެންދިޔަ 17، 18 ޕާޓީ، އެ ޕާޓީގެ ލީޑަރުންނާއެކު މިހާރު ކޮބައިތޯ؟ އެހެންވީމާ އަދާލަތު ޕާޓީ އެ އުފެއްދި ދުވަހުން ފެށިގެން އަޅުގަނޑުމެންގެ މަސައްކަތް، އަޅުގަނޑުމެންގެ އަމާޒު، އަޅުގަނޑުމެން ދާންވީތަން އަޅުގަނޑުމެނަށް ސާފު." އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން އިމްރާން ވިދާޅުވީ މިއަދު ރައްޖޭގެ ދައުލަތުގެ ނިޒާމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވަނީ ޝަރުއީ ސިޔާސީ އުސޫލު ހިންގާނެ ގާބިލު ޒުވާން ލީޑަޝިޕަކަށް ކަމަށެވެ. އަދި "ހޭރިޔާ 2023" ދަށުން އެފަދަ ލީޑަޝިޕެއް ނެރޭނެކަމަށެވެ.