އަންހެނަކު ރޭޕްކުރި މައްސަލައެއްގެ ކުށް ސާބިތުވެ މޮރޮކޯގެ މަޝްހޫރު ލަވަކިޔުންތެރިޔަކަށް ފްރާންސްގައި ހަ އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މީޑިއާތަކުން ބުނީ ޕެރިހުގައި އިއްޔެ ހުކުމްކުރީ މޮރޮކޯގެ ފަންނާނު ސާދު ލަމްޖާދު، 37، އަށް ކަމަށެވެ.
އޭނަގެ މައްޗަށް ރޭޕްގެ ތުހުމަތުކުރެވުނީ 2016 ގަ އެވެ. އޭރު ޒުވާން އަންހެނަކު ވަނީ ޕެރިހުގެ ހޮޓަލެއްގައި ސާދު މަސްތުވެގެން ހުރެ އޭނަ ރޭޕްކޮށްދައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ މައްސަލަ ފެންމަތިވުމާ އެކީ ސާދަށް ދައުވާކުރި އެވެ. އޭރު ސާދުގެ ވަރަށް ގިނަ ފޭނުންތަކެއް އެކަމާ ދެކޮޅަށް އަޑު އުފުލައި އެއީ އޭނަގެ މައްޗަށް ރާވައިގެން ފްރޭމްކުރަން ކުރި ތުހުމަތުތެއް ކަމަށް ބުނެފައިވެ އެވެ.
އިއްޔެގެ ޝަރިއަރުގއި ހުކުމް އިއްވުމުގެ ކުރިން ސާދު ދައުވާ އަށް އިންކާރުކުރުން ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި ހުކުމްގެ ފަހުން ވެސް އޭނަ އިނީ މުޅިން ހިމޭންވެފަ އެވެ.
ސާދަށް އިއްވި ހުކުމާ އެކީ އޭނަ ވަގުތުން ގެންދިޔައީ ޖަލަށެވެ. ނަމަވެސް ހުކުމް އިންތިއުނާފު ކުރާނެތޯ ނޫންތޯ އަދި ސާފެއް ނުވެ އެވެ.
ސާދަކީ މޮރޮކޯގެ އެންމެ މަޝްހޫރު އެއް ޕޮޕް އާޓިސްޓެވެ. އޭނަގެ ވީޑިއޯ ލަވައެއް ކަމަށްވާ "LM3LLEM" އަކީ ޔޫޓިއުބްގަައި ބިލިއަނަކަށް ވުރެ ގިނަ ވިއުސް ވެސް ލިބިފައިވާ އެއްޗެކެވެ.