ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ކުޅިބައި އެތުރޭ ގޮތުން އުންމީދު އިތުރަށް އާލާކޮށްދޭ ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް، އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަކީ ވެސް ނާދިރު ކަމެއް ކަމަށެވެ.
"ރައީސް ޔާމީންގެ މި ވިސްނުންފުޅު ހައިރާންވާ ވަރަށް އަކުރުން އަކުރަށް އެބަދިމާވޭ." ޝިޔާމު ވިދާޅުވި އެވެ.
ސިޔާސީ މަސްރަހުގެ ކުޅިބައި އެތުރެމުންދާ ގޮތުން އުއްމީދު އިތުރަށް އާލާކޮށްދޭ. ޖުމްހޫރީ ޕާޓީ މިވަގުތި @ibusolih އާއެކު 2023 އަށް ކޯލިޝަން ހެދުމަކީ ނާދިރުކަމެއް. ރައީސް ޔާމީން ގެ ވިސްނުންފުޅު ހައިރާންކުރުވާވަރަށް އަކުރުން އަކުރަށް އެބަ ދިމާވޭ!#FreePresidentYameen #RY2023
— Ahmed Shiyam (@Shiyamaldives) February 25, 2023
އެމްޑީޕީއާ އެކު ޖޭޕީން ކޯލިޝަން ހަދަން އެ ޕާޓީން ހުށަޅައި މަޝްވަރާތަކެއް ކުރެވުނު ނަމަވެސް ޖޭޕީން އަދި ގޮތެއް ނުނިންމަ އެވެ. މިހާރު ކުރިއަށްދާ އެ ޕާޓީގެ ގައުމީ ކޮންގްރެސް އަށް އޮތީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ގޮވާލައި ގަރާރެއް ވެސް ހުށަހަޅައިފަ އެވެ. އަދި ޕާޓީގެ ގިނަ ބަޔަކު ގާސިމް އިންތިހާބުގައި ވާދަކުރައްވަން ތާއީދުކުރެ އެވެ.
އެހެންވެ މިރޭ ކޮންގްރެސް ނިންމާލުމުގެ ކުރިން އެކަމާ ޖޭޕީން ވަކި ގޮތެއް ނިންމާނެ އެވެ.
އެ ޕާޓީ އަކީ މިހާރު ވެސް ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. މިހާރުގެ ކޯލިޝަންގައި އެމްޑީޕީއާ އެކީ ދެން ހިމެނޭ ބައިވެރިންނަކީ އަދާލަތު ޕާޓީ އާއި އެމްއާރްއެމެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ތާއީދުކުރަން ނިންމައި އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން އަދާލަތުގެ އިތުރުން މުޅިން އަލަށް އެމްޑީއޭ ވަނީ ނިންމައިފަ އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެހެންވެ އެ ހުކުމް މިހާރު އޮތީ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.