ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ކުރީގެ ރައިސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށައިފިނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާނެކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އަލީ އާޒިމް މިފަދައިން ޓްވީޓެއް ކުރައްވާފައިމިވަނީ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ގޮތާމެދު އެމްޑީޕީގެ ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނިކޮށެވެ.
އަލީ އާޒިމްގެ ޓްވީޓްގައި ބުނެފައިވަނީ ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރުމަށްޓަކައި ވޯޓު ހަމަކުރަން މަސައްކަތް ފަށައިފިނަމަ، ރައީސް ސޯލިހްގެ އިތުބާރު ނެތްކަމުގެ ވޯޓު ހަމަކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
Majlis ge Raees vakikurumahtakai vote hamakuraan masaiykaiy fashaifi nama Raees Solih ge ithubaaru neiy kamuge vote hama kurumuge masaiykaiy alhugadumenves fashaanan. @MDPSecretariat #FikureggeDhirun
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) February 25, 2023
މިފަހުން ރާއްޖޭގެ އޮންލައިން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން ބޭނުންވާ އަދަދު ހަމަވެފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ނިންމުމެއް ނިންމަންވާނީ މުޅި އެމްޑީޕީގެ ރުހުން ހޯދައިގެން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނުވަނަ ރައިސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރު ހުށަހެޅެނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމަކުންނެވެ.