ޖީއެސްޓީ އާއި ބީޕީޓީ އިން މަކަރު ހަދާކަމަށް ތުހުމަތުގައި މަރަދޫ "ނައިސްވޭ" ފިހާރަ ބަލައި ޗެކް ކުރަން މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ) އިން ފަށައިފިއެވެ.
މީރާއިން ބުނީ މަރަދޫ ސޭބުމާގެ، އަލި ދީދީ ހިންގަމުން އަންނަ ނައިސްވޭ 4 ފިހާރައާއި އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކަރަމަތި ފިހާރަ ބަލައި ޗެކް ކުރަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މީރާއިން ބުނީ އަލި ދީދީ ޖީއެސްޓީ އާއި ބީޕީޓީ ރިޕޯޓް ހުށަނޭޅުމުގެ އިތުރުން މީރާގެ އޮފިޝަލުންނަށް އެއްބާރުލުން ދީފައި ނުވާކަމަށެވެ.
މަރަދޫގެ އެންމެ މަޝްހޫރު އެއް ވިޔަފާރި ކަމަށްވާ ނައިސްވޭގެ ހިސާބުތައް މިހާރު ބަލަމުން އަންނަ އިރު ދައުލަތަށް ދައްކަން ޖެހެނީ ކިހާ އަދަދެެއްގެ ފައިސާކަން އަދި އެނގޭވަރު ނުވާކަމަށް މީރާއިން ބުންޏެވެ.
މީރާއިން އަންނަނީ އައްޑޫގެ ފިހާރަތައް ބަލައި ޗެކް ކުރަމުންނެވެ.