Last Updated: June 23, 18:18
Tuesday, June 23, 2026
ޚަބަރު

ނަޝީދުގެ އޮތީ ކޮން ކަހަލަ ޑިމޮކްރަސީއެއް؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހާރު އުޅުއްވަނީ އެ ޕާޓީ ފުނޑާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފް ވިދާޅުވެއްޖެ އެވެ.

ނަޝީދު ގެންގުޅުއްވާ ނުރަސްމީ ޓްވިޓާ އެކައުންޓަކުން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ކުރައްވާނެ މަޝްވަރާއް ވެސް ނެތް ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ފާޑު ވިދާޅުވެ ސަނީފު ކުރެއްވި ޓްވީޓެއްގައި ނަޝީދު ގެންގުޅުއްވަނީ ކޮން ކަހަލަ ޑިމޮކްރަސީއެއްތޯ ވެސް ސުވާލު ކުރައްވައިފަ އެވެ.

ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން ނަޝީދު ވަނީބަލީ ގަބޫލުކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ. އަދި އިންތިހާބުގައި ރައީސަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެ، "ފިކުރެއްފެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ސިޔާސީ ވަކި ހަރަކާތެއް ހުންގެވުމަށް ވަނީ މަސައްކަތް ފައްޓަވައިފަ އެވެ.

"ޑިމޮކްރަސީ ހިފައިގެން ދުވި މީހުންގެ ކިބައިގައި ބަލި ގަބޫލުކުރުމުގެ ހިތްވަރު ނެތި، މުޅި ޕާޓީ ފުނޑާލަން ގަސްތުކޮށް ހުދުމުހުތާރުވެ، އެމްޑީޕީގެ ރައީސްކަމުގައި ހުރެ އެމްޑީޕީއާ ކުރާނެ މަޝްވަރާއެއް ނެތޭ ބުނީމަ އަހާލަން ބޭނުމީ ތީ ކޮން ކަހަލަ ޑިމޮރްސީއެއްތޯ ތިން ގެންގުޅެނީ؟" ސަނީފު ވިދާޅުވި އެވެ.

ނަޝީދުގެ އަމަލުތައް މިހާރު ހުރި ގޮތުން ރައީސަށް ތާއީދުކުރާ ބައެއް މެމްބަރުން އަންނަނީ ނަޝީދު ޕާޓީން ވަކިކުރަން ވެސް ގޮވައިލަމުންނެވެ. މިކަމާ ގުޅިގެން ނަޝީދަށް ސަޕޯޓަރުކުރާ މަޖިލިސް ބައެއް މެމްބަރުން ނަޝީދު ޕާޓީން ވަކިކުރަން އުޅޭ ނަމަ ރައީސް ސޯލިހު މަގާމުން ވަކިކުރަން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެކަމުގެ އިންޒާރު ވެސް ދީފަ އެވެ.