ކުރީގެ މަޝްހޫރު އެކްޓަރު އަމްރިޝް ޕޫރީގެ ކާފަދަރިފުޅު ވަރުދާން ޕޫރީ އަށް ހޮލީވުޑްގެ ސީރީޒަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އެމެރިކާގެ މަޝްހޫރު ސްޓޫޑިއޯއަކުން ހަދަން ނިންމާފައިވާ އެ ސީރީޒުން ވަރުދާން، 33، އަށް ފުރުސަތު ލިބުނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. އަދި މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އޭގެ ޝޫޓިން ފަށަން ތައްޔާރީތައްވަމުން އަންނަ ކަމަށް ރިިޕޯޓްތައް ބުނެ އެވެ. އެކަމަކު އެއީ ކޮން ސްޓޫޑިއޯއަކުން، ކޮން ނަމެއްގައި ހަދާ ސީރީޒެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ވަރުދާން ބޮލީވުޑަށް ނުކުތީ 2019 ގެ "ޔޭ ސާލީ އާޝިގީ" އިންނެވެ. އެ ފިލްމުގައި އޭނަ ދެއްކި އެކްޓިން އަށް ގިނަ ބަޔަކު ތައުރީފުކުރި ނަމަވެސް ވަރުދާންގެ އިތުރު ފިލްމެއް ފަހަކުން ބެލުންތެރިންނާ ހަމައަކަށް ނާދެ އެވެ. އެކަމަކު ބައެއް ވީޑިއޯ ލަވަތަކުން ވަރުދާން ފެނިފައިވެ އެވެ.
އޭނަގެ ފަސް ޕްރޮޖެކްޓެއް ކުރިއަށް އެބައޮތެވެ. އޭގެ ތެރޭގައި "ހަމް ތުމް" އާއި "ފަނާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ކުނާލް ކޯލީގެ "ބޮބީ އޯރް ރިޝީ ކީ ލަވް ސްޓޯރީ" ގެ އިތުރުން މިދިޔަ އަހަރު "ދަ ކަޝްމީރު ފައިލްސް" ގެނެސްދިން ޑައިރެކްޓަރު ވިވެކް ރަންޖަން އަގްނިހޯތުރީގެ "ނޯޓަންކީ" ހިމެނެ އެވެ.
މީގެ އިތުރުން "ގްލާބް" އާއި "ދާޝްމީ" ކިޔާ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ވެސް ދާދި ފަހުން ވަރުދާން ނިންމާފައިވެ އެވެ.