ޖުމްހުރީ ޕާޓީ (ޖޭޕީ) ގެ ނައިބު ލީޑަރަކަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އިންތިހާބުވެއްޖެ އެވެ.
އެ ޕާޓީގެ ގައުމީ ކޮންގްރެސް ރޭ ނިންމައިލި އިރު، ނައިބު ލީޑަރުންގެ ފަސް މަގާމަށް 12 މީހަކު ވާދަކުރި އެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަހުލާ އަށް، ވަގުތީ ނަތީޖާ ދައްކާ ގޮތުން 558 ވޯޓް ލިބިވައިގެންނެވި އެވެ.
ނައިބު ލީޑަރުންނަށް ދެން އިންތިހާބުވެވަޑައިގަތް ބޭފުޅުންނަކީ އެއީ ކުރިން ވެސް ޑެޕިއުޓީ ލީޑަރުގެ މަގާމު ފުރައްވާފައިވާ އަމީން އިބްރާހިމާއި ފާއިތުވި ދައުރުގައި ޖޭޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސައުދާއި އިގުބާލު އާދަމްގެ އިތުރުން އަލީ ޝާހެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އަމީނަށް 327 ވޯޓު، ސައުދަށް 275 ވޯޓު، އިގުބާލަށް 263 ވޯޓް އަދި ޝާހަށް 277 ވޯޓު ލިބިވަޑައިގެންނެވި އެވެ.
ނައިބު ލީޑަރުންނަށް ވާދަކުރެއްވި ބޭފުޅުންގެ ތެރޭގައި ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަނާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވެސް ހިމެނިވަޑައިގެންނެވި އެވެ.

ޖޭޕީން ބުނި ގޮތުގައި ގައުމީ ކޮންފަރެންސްގައި އެތެރޭގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރީ 741 މެމްބަރެކެވެ. އަދި ވޯޓު 680 މެމްބަރުން ވޯޓްލި އެވެ.
ޖޭޕީގެ ލީޑަރުކަން ގާސިމަށް އަލުން ލިބިވަޑައިގަތީ އިތުރު ބޭފުޅަކު އެ މަގާމަށް ވާދަކޮށްފައި ނުވާތީ ވޯޓަކާ ނުލަ އެވެ.