ޝާހްރުކް ޚާނަކީ ކުރިން ހީކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް އެކީގައި މަސައްކަތްކުރަން ފަސޭހަ އެކްޓަރެއް ކަމަށް ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ބުނެފި އެވެ.
އެ ދެ މީހުންނަނީ މި އަހަރުގެ ޑިސެމްބަރު ގެނެސްދޭން ހަމަޖެހިފައިވާ "ދުންކީ" ގެ މަސައްކަތްކުރަމުންނެވެ.
މި ފިލްމާ ބެހޭ ގޮތުން "އިންޑިއާ ޓުޑޭ" އާ ވާހަކަ ދައްކަމުން "3 އިޑިއަޓްސް" އާއި "ޕީކޭ" އަދި "ސަންޖޫ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ބުނީ ޝާހްރުކްގެ ފަރާތުން އެންމެ ބޮޑަށް ފާހަކުރެވުނު ކަމަކީ ކުޅޭ ކެރެކްޓާ އަށް ވަރަށް ބޮޑަށް ތައްޔާރުވުން ކަމަށެވެ. އަދި ފިލްމުގެ ކޮންމެ މަންޒަރެއް ވެސް އޭނަ ޝޫޓްކުރީ ދުރާލައި ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް ހިރާނީ ބުންޏެވެ.
"އަހަރެން ސީންތައް ކިޔައި ދިނީމަ އޭނަ އެ ސީންއަކަށް ޝޫޓިންގައި އެޕްރޯޗްކުރާނެ ގޮތް ގޭގައި ވީޑިއޯއަކަށް އަހަންނަށް ފޮނުވާ،" އޭނަ ބުންޏެވެ. "އެ ހިސާބުން ވަރަށް ބޮޑަށް ފާހަގަކުރެވުނު ޝާހްރުކް ކަމަކީ ކޮންމެ މަންޒަރަކަށް ވެސް ދުރާލައި ވަރަށް ތައްޔާރުވާ އެކްޓަރެއްކަން. ހަގީގަތުގައި މިއީ އަހަންނަށް ވަރަށް ބޮޑ ސަޕްރައިޒަކަށް ވެސް ވި."
ހިރާނީ ބުނި ގޮތުގައި ޝާހްރުކްގެ މި އުސޫލާ ހެދި ޝޫޓިން އަށް ވަރަށް ބޮޑަށް ފަސޭހަވެ، އެތައް ވަގުތެއް ވެސް ސަލާމަތްކުރެވެ އެވެ.
"ބައެއް ޝޫޓިންތައް އަހަރެން ދެ ދުވަހަށް ޕްލޭންކޮށްފައި ހުއްޓައި ވެސް ޝާހްރުކް މަސައްކަތްކުރާ ގޮތުން އޭގެ އެތައް ގަޑި އިރެއް ކުރިން ޝޫޓިން އެބަ ނިންމާލެވޭ،" ޝާހްރުކަށް ތައުރީފުކޮށް އޭނަ ބުންޏެވެ. "އަނެއް ކަމަކީ ގަޑިއަކަށް ފަރުވާތެރިވުމުގައި ނަމޫނާ އެކްޓަރެއް ޝާހްރުކަކީ. އަނެއްކާ ވާހަކަ ދެއްކުމުގައި ވަރަށް ރީތި ހަރުދަނާ އުސޫލެއް ގެންގުޅޭ އެކްޓަރެއް އޭނަ އަކީ. އަހަރެންގެ ތަޖުރިބާ އަކީ ޝާހްރުކަކީ އެކީގައި މަސައްކަތްކުރަން ވަރަށް ފަސޭހަ އެކްޓަރެއްކަން."
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދުންކީ" އަކީ ހިޖުރަކުރުމާ ގުޅޭ ގޮތުން ހަދާ ސޯޝަލް ކޮމެޑީއެކެވެ. އަދި މިއީ ހިރާނީއާ އެކީ ޝާހްރުކް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ހިރާނީގެ "މުންނާބާއީ" އަކީ އެންމެ ފުރަތަމަ ޝާހްރުކަށް ހުށަހެޅި ފިލްމެކެވެ. އެކަމަކު އޭރު އެ ފުރުސަތު ގަބޫލު ނުކުރުމުން 2003 ގައި "މުންނާބާއީ އެމްބީބީއެސް" ގެނެސްދިނީ ސަންޖޭ ދަތާ އެކީގަ އެވެ.
"ދުންކީ" ގެ ކާސްޓްގައި ތާޕްސީ ޕައްނޫ ައަދި ބޮމަން އިރާނީ ހިމެނެ އެވެ. އަދި މީގެ ވަރަށް ހާއްސަ ފެނިލުމެއްގައި ވިކީ ކޯޝަލް ވެސް ހިމެނެ އެވެ.
މި އަހަރު ރިލީޒްވި ޝާހްރުކް، 57، ގެ ފުރަތަމަ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ޕަތާން" އެވެ. އަދި ޖޫންގައި އޭނަގެ "ޖަވާން" ރިލީޒްކުރާނެ އެވެ.