ފާރިސް މައުމޫން މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ވެސް އެބަ ހިނގަ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުންގެ ފަރާތުން ރަސްމީކޮށް އެއްވެސް ބަހެއް ނެތެވެ.
ފާރިސް އަކީ ބައްޕާފުޅާ އެކީ އެމްއާރްއެމް ހިންގެވުމުގައި އިސްކޮށް ހުންނެވި އެކެކެވެ. އެކަމަކު އެ ޕާޓީ މިހާރު އޮތީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވާ ހާލަތުގަ އެވެ. ޕާޓީގައި 3،000 މެމްބަރުންނެއް ނެތެވެ. އިލެކްޝަން ކޮމިޝަން (އީސީ) ގެ ދަފުތަރުން ދައްކާ ގޮތުގައި އެމްއާރްއެމްގައި މިހާރު ތިބީ 2،981 މެމްބަރުންނެވެ.
މިއީ މިދިޔަ އަހަރު ވެސް މެމްބަރުން ހަމަނުވެގެން ނޯޓިސް ދީފައި ވަނިކޮށް، މެމްބަރުން ހަމަކޮށްފައި ވަނިކޮށް އަނެއްކާ ވެސް އެމްއާރްއެމަށް ޖެހުނު ހާލެވެ.
އެކަމަކު މި ވާހަކަ އެއް ފަރާތްކޮށްފައި ފާރިސްގެ ޓްވިޓާގެ ޝައުގުވެރި ޕޯސްޓަކަށް ޖެހިލަމާ ހިނގާށެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނަ ކުރެއްވީ ޕޯސްޓެއްގައި އޮތީ މި އިބާރާތެވެ؛ ދިވެހިންނަކީ އޭރު ވެސް، މިހާރު ވެސް، ދެން ވެސް…. އެވެ.
— faris 🇲🇻 🇵🇸 (@afarismaumoon) February 23, 2023
އިބާރާތްކޮޅު ހުސްތަން ފުރާ ގޮތަށް ނިންމާލާފައި އޮތުން ފާރިސް ބޮޑު ވާހަކައެއް ވިދާޅުވާން އުޅުއްވާ ކަމަށް ބެލެވިދާނެ އެވެ. އެކަމަކު އެ ހުސްތަނަށް ލާން އޭނަގެ ހިތުގައި އޮތީ ކީކޭ ކަމެއް ބުނާކަށް ނޭނގެ އެވެ. އެހެންވެ ބައެއް މީހުން ވަނީ އެ މީހުންނަށް ލަފާކުރެވޭ އެތައް ވާހަކައެއް ކޮމެންޓްގެ ގޮތުގައި އޮއްސައިފަ އެވެ.
އޭގައި ގިނައިން ހުރީ ދިވެހިންގެ "ނެގަޓިވް" ވާހަކަތަކެވެ. އޭގެ ތެރޭގައި ދިވެހިންނަކީ "500ރ. ވޯޓް ވިއްކާ ބައެއް" ކަމަށާއި "ހެއްލޭ ބައެއް" ކަމަށާއި "ހަނދާން ބަލި ބައެއް" ކަމަށާއި "އަނިޔާ އަށް ނޫނެކޭ ބުނާ ބައެއް" ކަމަށާއި އަދި "ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ ބައެއް" ފަދަ އެތައް ވާހަކައެއް ހިމެނެ އެވެ.
ކޮންމެއަކަސް ފާރިސްގެ ޕޯސްޓް މި ދަނޑަވަޅާ ގުވައިލެވިދާނެ އެވެ. ކުރިމަތީގައި އޮތީ ރިޔާސީ އިންތިހާބެކެވެ. އެހެންވެ ސިޔާސީ ކަންކަމާއި ފާރިސްގެ ޕޯސްޓާ ގުޅުވާފައި ކިތަންމެ ވާހަކައެއް ދެއްކިދާނެ އެވެ.