Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ހެލްމެޓް އަޅައިގެން އުޅޭ މީހުން ފާސްކުރަނީ

މިހާރަކަށް އައިސް މާލޭގެ ގޭންގްތަކަށް ނިސްބަތްވާ މީހުން ހެލްމެޓް އަޅައިގެން ހަރަކާތްތެރިވާތީ ހެލްމެޓް އަޅަން ލާޒިމުކުރާ ސަރަހައްދު ނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ބަލައި ފާސްކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުގައި ހެލްމެޓް އެޅުން ލާޒިމުކޮށްފައި ނުވާ ސަރަހައްދުތަކުގައި ކާކުކން ވަންހަނާކޮށް، ކުށްކުށަށް އަރައިގަތުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަން ފާހަގަކުރެވޭ ކަމަށެވެ.

"އެހެންކަމުން ހެލްމެޓް އެޅުން ލާޒިމު ކުރާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަމުން ގެންދާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން." ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ މިއީ މިއީ އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އަމާން ވެއްޓެއް ގާއިމުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ހުޅުމާލޭގެ ކެފޭއަކަށް ވަދެ، ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މާރާމާރީތާ ހިންގާ ގޭންގްތަކުން މާލެ ތެރޭގައި ހަރަކާތްތެރި ވަނީ ކާކުކަން ނޭނގޭ ގޮތަށް ހެލްމެޓު އަޅައި، މޫނު ނިވާކޮށްގެން ކަމަށެވެ. އަދި އެ މީހުން ދުއްވާ ސައިކަލާއި ކާރުތަކުގެ ނަންބަރު ބޯޑު ޕްލޭޓްތައް ވެސް ބަދަލުކޮށް ކެމެރާތަކަށް ވެސް ނާރާ ގޮތަށް ހަދާފައި ހުންނަ ކަމަށް ވިދާޅުވި އެވެ.