ސްރޫ ލަންކާގެ ބޮޑުވަޒީރުގެ މަގާމުން މިދިޔަ އަހަރު އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސާ އަލުން ބޮޑުވަޒީރު ކަމަށް ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އޭނަ އަލުން އެ މަގާމަށް ގެންނަން މަހިންދަ ނިސްބަތްވާ ޕާޓީ، ސްރީ ލަންކާ ޕޮޑުޖާނާ ޕެރަމޫނާ (އެސްއެލްޕީޕީ) ގެ ތެރޭގައި މިހާރު މަޝްވަރާކުރެވި، އެކަން މިހާރުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އޭނަ އަކީ ވެސް އެ ޕާޓީ އަށް ނިސްބަތްވާ ބޭފުޅެކެވެ.
ގުނަރުވަދަނާ ލަންކާގެ ބޮޑުވަޒީރަކަށް އައްޔަންކުރީ މިދިޔަ އަހަރުހެ ޖުލައި 20 ގައި ރައީސް ކަމަށް ރަނިލް ވިކްރަމަސިންހަ އައްޔަންކުރުމާ ގުޅިގެން ޖުލައި މަހުގެ 22 ގަ އެވެ.
ރަނިލް ރައީސް ކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 9 ގައި މަހިންދަ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމުން އޭރު މެއި 12 ގައި ރަނިލް ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފައި ވަނިކޮށް، މަހިންދަގެ ކޮއްކޯފުޅު ރައީސް ގޮޓަބަޔާ ރާޖަޕަކްސަ މިދިޔަ އަހަރުގެ ޖުލައި 14 ގައި އިސްތިއުފާ ދެއްވުމުންނެވެ.

މަހިންދަ އޭރު އިސްތިއުފާ ދެއްވީ ލަންކާ އަށް ކުރިމަތިވެފައި އޮތް މާލީ އަދި އިގުތިސާދީ ބޮޑުތަދާ ގުޅިގެން ގައުމު ހަލަބޮލިވެ، ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުމެ މުޒާހަރާކޮށް، ކުރިމަތިވާން ފެށި ޕްރެޝަރުތަކާ ހެދި އެވެ. ގޮޓަބަޔާ ވެސް އިސްތިއުފާ ދެއްވަން މަޖުބޫރުވީ އެ ސަބަބާ ހެދި އެވެ.
އަލުން މަހިންދަ ބޮޑުވަޒީރަކަށް ގެންނަން މަސައްކަތްކުރާ އިރު، އުމުރުން 77 އަހަރުގެ މަހިންދަ އަކީ ތިން ދައުރަކަށް ބޮޑުވަޒީރުކަން ކުރެއްވުމުގެ އިތުރަށް ލަންކާގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.