Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

އެހެން ޕާޓީތަކުން ކުރިއެރުން ހޯދަނީ ފިތުނަ އުފައްދައިގެން

ފާރިސް މައުމޫން- ފޮޓޯ: މިހާރު / ނިޝާން އަލީ

އެހެން ސިޔާސީ ޕާޓީތަކުން ކުރިއެރުން ހޯދަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައިގެން ކަމަށާއި އެމްއާރްއެމްއިން އެކަން ނުކުރާނެ ކަމަށް އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސް މިފަދައިން ވިދާޅުވެފައިވަނީ ރޭ ޒުވާނުންނާއެކު ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އެގޮތުން ފާރިސް ވިދާޅުވީ މިދުވަސްވަރު އެކި ސިޔާސީ ޕާޓީތަކުން ބައްދަލުކޮށް މަޝްވަރާ ކުރަމުންދާ ކަމަށާއި އެ މަޝްވަރާތަކުގެ ތެރޭގައި އެ ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ހޯދާ ވާހަކައާއި އެމީހުންގެ އެޖެންޑާގެ ވާހަކަ ދައްކާކަމަށެވެ. އަދި ޕާޓީތަކުގެ އެ ވާހަކަތައް ހުންނަގޮތުން މި ގައުމަކީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ގައުމެއްހެން ހީވާ ކަމަށެވެ.

ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން އަދިވެސް ތިބީ ސިޔާސީ ޕާޓީތަކަށް ސޮއި ނުކޮށްކަން ފާހަގަކޮށް ފާރިސް ވަނީ އެ ރައްޔިތުންގެ ހައްޤުތައް ކޮބައިތޯ ސުވާލު އުފައްދާފައެވެ.

"އެހެންމަ އަޅުގަނޑުމެން އަނެއްކާ އެހެން ޕާޓީތައް ވާދަކުރާގޮތަށް، ތިމަންނަމެން 20،000 އޭ 30،000 މީހުންނޭ، ތިމަންނަމެން ޕާޓީ މީހުންނަށް އެކަންޏޭ ވަޒީފާ ދޭނީ، ތިމަންނަމެން ޕާޓީ މީހުން ބުނާއެއްޗެއް އެކަންޏޭ އަޑުއަހާނީ، މިހެން ކިޔައިގެން އަޅުގަނޑުމެން ދިވެހި ގައުމު ތަރައްގީއެއް ނުކުރެވޭނެ. އެހެން ޕާޓީތަކުން އެކުރާކަމެއް ސާފުކޮށް ދަންނަވާފާނަން، ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައިގެން އެއްބަޔަކު އަނެއްބަޔަކާ ޖައްސައިގެން ކުރިއެރުން ހޯދުން. އެކަން ކުރާކަށް ނެތިން އަޅުގަނޑުމެން ޕާޓީއަކުންނެއް." ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އެމްއާރްއެމްއިން އެޕާޓީގެ މެންބަރުންވެސް އަދި އެ ޕާޓީގެ މެންބަރުން ނޫން މީހުންވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އެމްއާރްއެމްއަކީ ވަކީ ބައެއްގެ މަސްލަހަތު ހިމާޔަތްކުރާނެ ޕާޓީއެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.

ޒުވާނުންނާ ބައްދަލުކޮށް ފާރިސް މިފަދައިން ވިދާޅުވިއިރު އެމްއާރްއެމްއިން ރިޔާސީ އިންތިހާބަށް ވާދަކުރުމާ މެދު އަދި ވަކިގޮތެއް ނުނިންމައެވެ. އެހެންނަމަވެސް ފާރިސްއަށް ތާއީދުކޮށް ސޯޝަލްމީޑިއާގައި އަންނަނީ ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ.