ޒީ ޓީވީގެ މަގުބޫލު ސިލްސިލާ "ކުންދަލީ ބަގިއާ" އަށް ބޮޑު ލީޕަކާ އެކީ އާ ކާސްޓެއް ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ސިލްސިލާގެ ކާސްޓަށް އަލަށް ގެންނަން ނިންމާފައި ވަނީ ސްޓާ ޕްލަސްގެ "އަނޫޕަމާ" ގެ ސަމަރުގެ ރޯލު ދޫކޮށްލައި، ކަލާސްގެ "ޖަލަކް ދިކްލާޖާ" ގެ ސީޒަން 10 ގައި މިދިޔަ އަހަރު ވާދަކުރި ޕާރަސް ކަލްވަނަތު އާއި ސަނާ ސައްޔަދު ކަމަށެވެ.
ސަނާ އަކީ މިދިޔަ އަހަރު ކަލާސް އިން ގެނެސްދިން ސިލްސިލާ "ސްޕައި ބަހޫ" ގެ ބަތަލާ އެވެ.
"ކުންދަލީ ބަގިއާ" އަށް ބޮޑު ލީޕެއް ގެންނަން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް އެ ސިލްސިލާ ގެނެސްދޭ އެކްތާ ކަޕޫރްގެ ބާލާޖީން އަދި އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ 2017 ގައި ދައްކަން ފެށި ސިލްސިލާ އަށް އެކި ފަހަރު މަތިން ލީޕްތަކެއް ގެނެސްފައިވާކަމެވެ.
އޭގެ ލީޑް ކާސްޓުންނަކީ ސިލްސިލާ ފެށީއްސުރެ ބަތަލާގެ ރޯލު ކުޅެމުން އަންނަ ޝްރަދާ އަރިއާގެ އިތުރުން މަނިތު ޖޯރާ އާއި ރޫހީ ޗަތުރަވެދީ އާއި ސަންޖޭ ގަންގްނާނީގެ އިތުރުން ޝަކްތީ އަރޯރާ އެވެ. "ކުންދަލީ ބަގިއާ" ގެ 1،435 އެޕިސޯޑް މިހާތަނަށް ދައްކާފައިވެ އެވެ.
މި ސިލްސިލާ އަކީ ޒީ ޓީވީން 2014 ގައި ދައްކަން ފެށި "ކުމްކުމް ބަގިއާ" ގެ ސްޕިން-އޮފެކެވެ.