ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަންގެ މަރުގެ މައްސަލައިގައި މުހައްމަދު ނިޒާމްގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމް މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ނިޒާމުގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ގަސްތުގައި މީހަކު މެރުމާއި، ވައްކަން ކުރުން، މަސްތުވާތަކެތިން މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ޕީޖީ ވިދާޅުވީ މަރުގެ މައްސަލައިގައި ދައުވާ ކުރަނީ ނިޒާމު ދައްކާފައިހުރި ވާހަކަތަކާއި މައްސަލައިގައި ލިބިފައި ހުރި އެހެން ހެކިތަކުން، ނިޒާމު ކުރިކަމަކުން މީހަކު މަރުވެފައިއޮތް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
ނިޒާމުގެ މައްޗަށް ވައްކަމުގެ ދައުވާ ކުރަނީ ދުއްވި ތެޔޮ ބޯޓުގައި ހުރި ފައިސާ ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭތީ ކަމަށާއި އަދި އެކަމާ ގުޅުންހުރި ހެކިވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ނިޒާމު ހައްޔަރުކުރި ވަގުތު އަތުގައި މަސްތުވާތަކެތި ހުރި ކަމަށާއި އެހެންވެ މަސްތުވާތަކެތުން މުއާމަލާތު ކުރުމުގެ ދައުވާ ކުރާ ކަމަށެވެ.
މީގެއިތުރުން ޕީޖީ ޝަމީމް ވިދާޅުވީ ނިޒާމު ކުރިކަމަކީ މީހަކު މަރުވެދާނެ ފަދަ ކަމެއް ކަމަށާއި، އެއީ އެނޫން ނަތީޖާއެއް ނުނިކުންނާނެ ކަމެއްކަން ކޯޓުގައި ސާބިތު ކޮށްދޭނެކަމަށެވެ.
ލިޓަން އާއި ނިޒާމު ތެޔޮ ބޯޓެއްގައި ދަތުރުކުރަނިކޮށް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ނިޒާމު ފެނިފައިވަނީ މާލޭގައި ހުރި ގެސްޓް ހައުސަކުންނެވެ. އެ މައްސަލައިގައި ނިޒާމު ހައްޔަރުކޮށްފައިވާއިރު ލިޓަންގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެއެވެ.