Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ކައުންސިލްތަކަށް އަދިވެސް މާލީ މިނިވަންކަމެއް ނެތް

ހުޅުދޫ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރ އަލީ ނިޒާރު / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

ކައުންސިލްތަކަށް އަދިވެސް މާލީ މިނިވަންކަން ލިބިފައި ނުވާ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒު ދުވަހާ ގުޅިގެން ބޭއްވި މިއަދު ޕޮލިސް އެކަޑަމީގެ ހޯލުގައި ބޭއްވި ހަފުލާގައި އޭނަ ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލު އެކުލަވައި ފާއިތުވި އަހަރުތަކުގެ ތެރޭ ލުއި ފަސޭހަތަކެއް ހޯދައި ދިނުމަށް ގިނަ އިސްލާހުތަކެއް ގެނެވިފައިވާ ކަމަށެވެ. ނަމަވެސް މި ޤަނޫނު އެންމެ ރަނގަޅަށް އިސްލާހުވެގެން އަންނާނީ ދައުލަތުގެ ތިން ބާރު އެކީ އިހުލާސްތެރި ވިސްނުމެއްގައި އިސްލާހީ މަސައްކަތްކޮށްގެން ކަމަށެވެ.

އެގޮތުން މިހާރުވެސް ގެނެވިފައިވާ އިސްލާހުތަކަށް ބަލާއިރު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފަސޭހަތަކެއް ލުއިތަކެއް އެބަހުރި ކަމަށް ނިޒާރު ވިދާޅުވި އެވެ. ނަމަވެސް އަދިވެސް މާލީ މިނިވަންކަމެއް ނެތްކަން ނިޒާރު ވަނީ ފާހަގަކުރައްވައިފަ އެވެ.

"އިދާރީ ގޮތުން ހިންގުމަށް އަޅުގަނޑުމެންނަށް ލުއިތަކެއް އެބަހުރި ލިބިފައި. އެހެންނަމަވެސް މާލީ މިނިވަންކަން ނޫނީ މާލީ ގޮތުން އިދާރީ ދާއިރާތައް ހިންގުމަށް ދެވެން ޖެހޭ ލުއިތައް ދެވެން ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ." ނިޒާރު ވިދާޅުވި އެވެ.

ނިޒާރުވި ވިދާޅުވި ގޮތުގައި އެންމެ މުހިންމު ކަމަކީ އެ ސަރަހައްދަކުން ލިބޭ އާމްދަނިގެ ހިއްސާ އެ ސަރަހައްދަކަށް ލިބިދިނުން ކަމަށް ނިޒާރު ވިދާޅުވި އެވެ. އެގޮތުން އައްޑު އަށް ލިބޭ ދައުލަތުގެ އާމްދަނީގެ ހިއްސާއެއް އައްޑު އަށް ނުލިބިއެއް އައްޑޫ ސިޓީއެއް ނުހިންގޭނެ ކަމަށް ވިދާޅުވި އެވެ.

"ދައުލަތުން ލިބޭ ލާރިއަކަށް ބަރޯސާވެ ތިބެ އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ދޭން ޖެހޭނަމަ، އަޅުގަނޑުމެން އަބަދުވެސް ކުރިމަތިލާން ޖެހޭނީ ގޮންޖެހުންތަކާ."

މީގެ އިތުރަށް ނިޒާރު ވަނީ ޤާނޫނުގެ ތެރެއިން ރަށު ކައުންސިލްތައް ތިބެ އަތޮޅު ކައުންސިލްތައް ތިބެން ނުޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ބޭރު ބައެއް ޤައުމުތަކުގައި މި ނިޒާމަކީ ރާއްޖެއަށް ވުރެ ދޮށީ ޤަނޫނަކުން ހިންގާ ނިޒާމަކަށް ވީ ހިނދުވެސް އެ ތަންތަނުގައިވެސް އަދިވެސް ގޮންޖެހުންތައް ހުރިކަން ފާހަގަ ކުރައްވައި ކުރިއަށް އޮތް ތަނުގައިވެސް އިސްލާހީ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ލާމަރުކަޒީ ދުވަހާއި ގުޅޭ ހަފްލާއެއް އައްޑޫސިޓީގައި ބާއްވާފައިވާއިރު، މި ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބަހުސް މުބާރާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ބަހުސް މުބާރާތުގެ ވަނަތައްވެސް ވަނީ ހޮވާފައެވެ.