Last Updated: August 17, 00:01
Saturday, August 16, 2025
ޚަބަރު

އައްޑޫގައި އިތުރު ހައުސިން ޔުނިޓްތައް އަޅަނީ

ހިތަދޫ ހައުސިން ޔުނިޓް އަޅާ ސަރަހައްދުގައި ފެންސް ޖަހާފައި.

ހިތަދޫ އާއި ހުޅުމީދޫގައި ސަރުކާރުން އިމާރާތް ކުރުމަށް ނިންމާފައިވާ ހައުސިން ޔުނިޓް އެޅުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހިތަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 264 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ ވަށައިގެން ފެންސް ޖަހާ ނިމިފައިވާ ކަމަށާއި، އެތަނުގައި އެޅުމަށް ނިންމާފައިވާ ހައުސިން ޔުނިޓްތަކުގެ ކުރެހުންތައް ކައުންސިލަށް ހުށަހަޅައި ފާސްވެފައިވާ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ލޯން އެހީގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްގެ ތެރެއިން ހިތަދޫގައި އިމާރާތް ކުރާ ހައުސިން ޔުނިޓް އަޅަނީ މެދެެއާރި މަގުގެ ދެކުނު ފަޅިން ހިތަދޫ ފުއްޓަރު ފަރާތުގައެވެ. ހުޅުމީދޫގައި ހައުސިން ޔުނިޓް އެޅުމަށް ހަމަޖައްސާފައިވަނީ ހެރެތެރެ އާއި ހުޅުދޫ ގުޅޭ ހިސާބުންނެވެ. ހުޅުމީދޫގައި އެޅުމަށް ނިންމާފައިވަނީ 48 ހައުސިން ޔުނިޓެވެ.