މި ފަހުން ރިލީޒްކުރި އަކްޝޭ ކުމާރުގެ އެއްވެސް ފިލްމަކަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން ނުދާތީ އަމާޒުވާ ފާޑުކިޔުންތަކާ ގުޅިގެން އެކަމުގެ ޒިންމާ އަމިއްލަ އަށް ނަގާ ކަމަށް ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށް، ބެލުންތެރިންގެ ފަރާތުން ފިނި ތަރުހީބެއް ލިބެމުން އަންނަ "ސެލްފީ" ގެ ބަތަލު އާޖް ތަކް އަށް ދިން އިންޓަވިއުއެއްގައި ބުނި އޭނަގެ ފިލްމުތައް ނުހިނގުމުގެ ޒިންމާ އެއްވެސް ބައެއްގެ ބޮލުގައި އަޅުވަން ބޭނުން ނުވާ ކަމަށެވެ.
"އަހަރެން ސަތޭކަ ޕަސެންޓަށް އެކަމުގެ ޒިންމާ ނަގަން." ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ ބުންޏެވެ.
އޭނަ ބުނި ގޮތުގައި ކުޅޭ ފިލްމުތައް ފުލުފުލުހުން ފްލޮޕްވަނީ ބެލުންތެރިން ބޭނުންވާ ކަހަލަ ފިލްމުތަކެއް ގެނެސް ނުދެވޭތީ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ މިހާރު އެކަން ބަދަލުކުރެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ. އެގޮތުން ދެން ކުޅެން ފިލްމުތައް ހޮވާ އިރު، މިހާރަށް ވުރެ ބޮޑަަށް ސްކްރިޕްޓަށް ވަރަށް ބޮޑަށް ބަލާނެ ކަމަށް ބުންޏެވެ.
"މިހާރު ފިލްމު ބަލާ އޯޑިއަންސް ވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެ. އެހެންވީމަ މިހާރު ގަބޫލުކުރެވޭ ކޮންމެ ކޮންމެ އެެއްޗެއް ގެނެސްދީގެން ބެލުންތެރިން ބަލައި ނުގަންނާނެކަން،" އަކްޝޭ ބުންޏެވެ. "ދެން ފިލްމުތައް ހޮވުމުގައި މިހާރަށް ވުރެ ބޮޑަށް ފަރުވާތެރިވާނަން."
އަކްޝޭ، 55، ބޮލީވުޑްގައި ފާހަގަކުރެވެނީ އެއް ފަހަރާ ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރާ އެކްޓަރެއްގެ ގޮތުގަ އެވެ. އެހެންވެ ކޮލިޓީ އަށް ވުރެ ބޮޑަށް އޭނަ އަށް މުހިއްމު ވަނީ ގިނަ ފައިސާ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. މިދިޔަ އަހަރު ވެސް އޭނަގެ ފަސް ފިލްމެއް ރިލީޒްވި އިރު، އެއިން އެއްވެސް ފިލްމަކީ ބެލުންތެރިންގެ ޝައުގުވެރިކަން ލިބުނު ފިލްމުތަކެއް ނޫނެވެ.
އެ ފިލްމުތަކަކީ "ބައްޗަން ޕާންޑޭ"، "ސަމްރާޓް ޕްރިތުވީރާޖް"، "ރަކްޝާ ބަންދަން"، "ކަތުޕުތުލީ" އަދި "ރާމް ސެޓޫ" އެވެ.
މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ސެލްފީ" ގެ އިތުރުން މި އަހަރު އަންނަން ހުރި އަކްޝޭގެ ފިލްމުތަކުގެ ތެރޭގައި "އޯއެމްޖީ 2" އާއި "ސޫރަރައި ޕޮއްޓުރޫ" ގެ ރިމޭކާއި "ކެޕްސޫލް" އާއި "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ އިތުރުން "ޗަތުރަޕަތީ ޝިވާޖީ މަހާރާޖް" ހިމެނެ އެވެ.