Last Updated: July 22, 11:21
Wednesday, July 22, 2026
ދުނިޔެ

ތުރުކީން ވެއްޓުނު އިމާރާތްތަކުގެ މައްސަލަ ބަލަނީ

މި މަހުގެ ކުރީކޮޅު އައި ވަރުގަދަ ބިންހެލުންތަކުގައި ތުރުކީން ވެއްޓުނު އިމާރާތްތަކުގެ މައްސަލައިގައި 600 މީހެއްގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އެ ގައުމުގެ ޖަސްޓިން މިނިސްޓްރީން ބުނެފި އެވެ.

މި މަހުގެ 6 ގައި އައި ބިންހެލުންތަކުގައި ތުރުކީން 160،000 އެއްހާ އިމާރާތް ވެއްޓި، އެ އެތަންތަނުގެ ދަށުގައިވެގެން އެތައް ހާސް ބަޔަކު މަރުވެފައިވެ އެވެ. ބިންހެލުމުގައި ގިނަ އަދަދެއްގެ އިމާރާތްތަކެއް ވެއްޓުނީ ބިލްޑިން ކޯޑަށް ނުފެތޭ ގޮތަށް ފެންވަރު ދަށްކޮށް ހަދާފައިވާތީ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިބެ އެވެ. އަދި އެކަމުގެ އިންޒާރު ކުރިން ވެސް ދީފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.

ބިންހެލުން އައިސް އެތައް އިމާރާތެއް ވެއްޓި އެތައް ހާސް ބަޔަކު މަރުވުމާ ގުޅިގެން ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ވެއްޓުނު އިމާރާތްތައް ހެދި ކުންފުނިތަކެއްގެ 113 މީހަކު ހައްޔަރުކުރި އެވެ. އިއްޔެ ވެސް އެ މައްސަލަގައިއި 184 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ތުރުކީގެ ޖަސްޓިސް މިނިސްޓަރު ބެކީރް ބޮޒްދާގު ވިދާޅުވ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ކޮންޓްރެކްޓަރުންނާއި އިމާރާތްތަކުގެ ވެރިން ވެސް ހިމެނެ އެވެ.

ބިންހެލުމުއި ތުރުކީން މަރުވި ގިނަ މީހުންނަކި އިމާރާތްތަކުގެ ތެރޭގައި ތާށިވެގެން މަރުވި މީހުންނެވެ. ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 50،000 އަށް އަރާފައިވާ އިރު، ގިނަ މީހުން މަރުވީ ވެސް ތުރުކީންނެވެ.

މި ހާދިސާ އަކީ މި ފަހުގެ ތާރީހެއްގައި އެ ދެ ގައުމަށް ކުރިމަތިލާން ޖެހުނު އެންމެ ނުރައްކާތެރި ގުދުރަތީ ހާދިސާ އެވެ. ބިންހެލުންތަކާ ގުޅިގެން ތުރުކީ އާއި ސީރިއާ އިން ވެސް އެތައް ބައެއްގެ ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވެ އެވެ.