ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކްއާ އެމްޑަބްލިއުއެސްސީގެ ޓަވަރުތައް ގުޅާލައިފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ފޭސް 2 ގައި އެމް.ޑަބްލިއު.އެސް.އީ ގެ މަލަސް އިމާރާތް މި ނިޒާމާއި ގުޅާލާފައިވާ ކަމަށެވެ. މި އިމާރާތުގެ އެޕާރޓްމަންޓްތަކުގެ ވެރިފަރާތްތަކާއި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން އިމާރާތައް ކަނެކްޝަން އަޅާ ފެބްރުއަރީ 15 ވަނަ ދުވަހު ވަނީ ރަސްމީކޮށް އިންޓަރނެޓް އަދި ޓީވީގެ ޚިދުމަތް ލިބޭނޭ ނިޒާމް ޤާއިމްކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ..
ހުޅުމާލޭ ފޭސް 2 ތަރައްޤީ ކުރުމުގައި އެޗްޑީސީގެ އެންމެ ކާމިޔާބު އެއް މަސައްކަތަކީ އެކުންފުނީގެ އޯޕަން އެކްސެސް ފައިބަރ ނެޓްވޯކްއެވެ. މި ނެޓްވޯކް ޤާއިމް ކުރެވުމުން އިންޓަނެޓް އަދި ޓީވީ ޚިދުމަތް ފައިބަރ ނެޓްވޯކް މެދުވެރިކޮށް ދޭ ފަރާތަކަށް ކޮންމެ ކަސްޓަމަރަކާއި ހަމައަށް ފޯރުކޮށްދެވޭނެއެވެ. މި ނެޓްވޯކް އެޅުމުގެ ސަބަބުން ޚިދުމަތްދޭ ފަރާތްތައް މަގުކޮނެ ކޭބަލް އެޅުމުގެ މަސައްކަތް ހުއްޓުމަކަށް ގެނެވުމުން މަސައްކަތުގެ ތެރޭގައި އެހެނިހެން ކޭބަލް ތަކަށް ގެއްލުން ލިބި ކަނެކެޝަންކެނޑެން ދިމާވާ ހާލަތްތައް މަދު ކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
"އޯޕަން އެކްސެސް ނެޓްވޯރކްއާއި އެކު އެކި ޙިދުމަތްދޭ ފަރާތްތައް މަގުކޮނެ ކޭބަލް އެޅުމުގެ މަސައްކަތް ހުއްޓުމަކަށް ގެނެވުމުން މަސައްކަތުގެ ތެރޭގައި އެހެނިހެން ކޭބަލް ތަކަށް ގެއްލުން ލިބި ކަނެކެޝަން ކެނޑެން ދިމާވާ ހާލަތްތައް މަދުކުރެވުނު." އެޗްޑީސީން މައުލޫމާތު ދެއެވެ. "މާނައަކީ ކުރިއާލާ ރާވައިގެން ކުރިއަށްގެންދެވޭ މެއިންޓެނަންސް އަދި އަޕްގްރޭޑިންގްގެ މަސައްކަތަކަށް ނޫން ގޮތަކަށް ނެޓްވޯރކް ޙިދުމަތް މެދުނުކެނޑުން"
މީގެ ސަބަބުން މިދިޔަ އަހަރުތެރޭ ނެޓްވޯކްގެ އަޕްޓައިމް ހުރީ 100 އިންސައްތައިގައި ކަމަށް އެޗްޑީސީން ބުނެއެވެ.

ފޭސް ދޭއްގައި 7000 ހިޔާ ފްލެޓް، ސްޓެލްކޯގެ ބްލޫ ރިޖް، އަދި އެމް.އޭ.ސީ.އެލްގެ ފްލެޓްއަށް ރައްޔިތުން ބަދަލުވިއިރު އެޗް.ޑީ.ސީގެ ސްމާޓްކޮމް ޓީމްއިން ވަނީ މިއިން ކޮންމެ އިމާރާތެއްގެ ހުރިހާ ފްލެޓްތަކަށް އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯރކްއާ ގުޅާލާފައެވެ. އަދި އެޕާރޓްމެންޓް ތަކުގައި އޯ.އެން.ޓީ ޑިވައިސް ހަރުކޮށް ޚިދުމަތްތައް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
މީގެ ސަބަބުން އިންޓަރނެޓްގެ ޙިދުމަތް ފޯރުކޮށްދޭ ފަރާތް ބަދަލްކޮށްލަން ބޭނުންވި ކަމުގައި ވިޔަސް ކުޑަ ވަގުތުކޮޅެއްގެތެރޭގައި އެކަން ވުމަށް މަގުފަހިވެގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ޚިދުމަތް މެދުކެނޑުމަށް ދިމާވާ މައްސަލަތައް ވަނީ މަދު ކުރެވިފައިކަން ފާހަގަކުރެއެވެ.
ހުޅުމާލޭ ފޭސް 2 ގައި އިމާރާތް ކުރާ ކޮންމެ އިމާރާތަކީ ވެސް ބޭނުން ކުރަން ފަށާއިރު މުވާސަލާތީ ވިއުގާ އިން ގުޅާލާ ތައްޔާރުވެފައިވާ ތަނަކަށް ހެދުމަކީ އެކުންފުނީގެ އެންމެ ބޮޑު އަމާޒުކަމަށް އެޗެޑީސީން ބުނެއެވެ.