Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ހުޅުމާލޭގައި އޮފީސް އިމާރާތް ކުރުމަށް 5 ބިމެއް

ހުޅުމާލެ މަގުމަތިން / ފޮޓޯ: އައްޑޫލައިވް

އޮފީސް އިމާރާތް ޤާއިމް ކުރުމަށް ފަސް ބިމަކަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބީލަމަށް ހުޅުވާލާފައިވަނީ ޖުމްލަ ފަސް ބިމެކެވެ. އެއީ 6124 އަކަފޫޓުގެ 3 ބިމަކާއި 9633 އަކަފޫޓުގެ 2 ބިމެކެވެ. މި ބިންތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށެވެ. މި ބިންތަކުގެ އަގުމަގު ކުރެވިފައިވަނީ އަކަފޫޓަކަށް 4500ރ. އިންނެވެ.

މި ބިންތަކުގެ އެވެއިލަބިލިޓީ އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް ބެލޭއިރު، ބިމަށް ކުރިމަތިލާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅަން ޖެހެނީވެސް އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށެވެ. މިގޮތުން ބިޑް ސެކިއުރީޓީގެ ގޮތުގައި 6124 އަކަފޫޓުގެ ބިމަށް 500،000ރ. ދައްކަން ޖެހެއެވެ. އަދި 9633 އަކަފޫޓުގެ ބިމަށް 1،000،000ރ. ދައްކަން ޖެހެއެވެ.

މި ބިންތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް އެކަކުންނެވެ.

ހުޅުމާލެއިން އޮފީސް ޤާއިމް ކުރުމަށް ބިން ދޫކުރުމަށް ނިންމާފައިވާއިރު ދާދި ފަހުން ސަރުކާރުގެ ބައެއް ވުޒާރާވެސް ހުޅުމާލެއަށް ވަނީ ބަދަލުކޮށްފައެވެ. ތޮށް ޖެހިފައިވާ މާލެއިން ބޭރުގައި ގިނަ އޮފީސް އިމާރާތް މިހާރުވެސް ކުންފުނިތަކުން ޤާއިމްކޮށްފައިވެއެވެ.