Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

މަރަދޫން މަސް ފެކްޓަރީއަށް ބިން ނުދިން : ޑރ. ޝައިނީ

އައްޑޫގައި ކޫއްޑޫ ފިޝަރީޒްއިން ގާއިމް ކުރުމަށް ނިންމާފައިވާ މަސް ފެކްޓަރީގެ މަސައްކަތް ނުފެށި ލަސްވަނީ ފެކްޓަރީ އެޅުމަށް ބޭނުންވާ ބިން މަރަދޫ ބަނދަރުން ހަމަ ނުޖެހިގެން ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އައްޑޫގެ ތަރައްޤީ އާއި ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރާއި ސުވާލު ކުރުމަށް މީދޫ ދާއިރާގެ މެމެބަރު ރޮޒެއިނާ އާދަމް އެދިވަޑައިގަތުމާއި ގުޅިގެން މަޖްލިސް ގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ މަރަދޫގައި މަސް ފެކްޓްރީއެއް ހެދުމަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން މަސައްކަތްތަކެއް ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެކަމަށެވެ.

ޝައިނީ ވިދާޅުވީ އެމަސައްކަތް ނުފެށިގެން އުޅެނީ ސިޓީ ކައުންސިލުން ބިން ނުދީގެން ކަމަށެވެ. އަދި އެމައްސަލަ މިހާރު ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް ހުށަހަޅާފައިވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޫއްޑޫއިން މަރަދޫގައި މަސް ފެކްޓަރީ އެޅުމަށް ބޭނުންވަނީ ވަކި ބިމެއް ކަމަށެވެ. ނަމަވެސް އެބިން ވަކި ބޔަކަށް ހަމަޖައްސާދީފައިވާ ކަމަށް ކައުންސިލުން ބުނާ ކަމަށެވެ. ނަމަވެސް ބިން ދޫކޮށްފައިވަނީ ރަޖިސްޓްރީ ނުކުރާ ފަރާތަކަށް ކަމަށް ޝައިނީ ވިދާޅުވިއެވެ.

ކޫއްޑޫއަށް މަސް ފެކްޓަރީ އެޅުމަށް ވަޙިދުގެ ސަރުކާރުގައި ހިތަދޫ އާރްއޭފް ސަރަހައްދުން ވަނީ ބިން ހަމަޖައްސާ ދީފައެވެ. މިނިސްޓަރ ވިދާޅުވީ ކުރިން ހިތަދޫގައި މަސް ފެކްޓަރީ އެޅުމުގެ ވިސްނުން ގެންގުޅުނު ކަމަށާއި، ފަހުން މަރަދޫއަށް ބަދަލު ކުރުމަށް ނިންމީ މަސްވެރިކަން އެންމެ ރަނގަޅު ރަށަކަށް މަރަދޫ ވުމުންނެވެ.

އަދި ބިން ހަވާލު ކުރާތާ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.