ކުރީގެ ރައީސް މުހައްމަދު ނަޝީދާ ނުލާ އެމްޑީޕީ ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ ގައުމީ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ނަޝީދަށް ވެރިކަން ގެއްލުނީ ދުނިޔޭގެ ކަންކަމުގައި ތަޖުރިބާ ހުންނަންޖެހޭ ވަރަށް ލިބިފައި ނެތުމުން ކަމަށާއި އޭގެ ސަބަބުން "ގޯހެއް" ހެދުނީ ކަމަށެވެ. އަދި މިހާރު އެކަން ރަނގަޅުވެފައި ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަޝީދާ ނުލާ އެމްޑީޕީ އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެމްޑީޕީ މަނިކުފާނާ ނުލައެއް އޮންނާނެ އެއްޗެއް ކަމަކަށް ގަބޫލެއް ނުކުރަން. އެއީ އަޅުގަނޑުގެ ވިސްނުން." ގާސިމް ވިދާޅުވި އެވެ.
އިންސާނުންނަށް ގޯސް ވެސް ހެދޭނެ ކަމަށާއި އަދި ކުށްވެސް ކުރެވޭނެ ކަމަށާއި ނަމަވެސް ތައުބާވުމަކީ އޮތް ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ގޯހެއް ހެދުމުން އެ ގޯސް ހެދުނު މީހާ ނޭދުނަސް އެކަމަށް މައާފު ކުރަން ޖެހޭނެ ކަމަށާއި އެހެން ނޫންނަމަ ދެން ރޯވާނީ ފިތުނަ އާއި ފަސާދައިގެ ހުޅުގަނޑު ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް މިހެން ވިދާޅުވެފައިވާއިރު ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތުމުން ނަޝީދު މިހާރު ގެންދަވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވަން މަސައްކަތްކުރައްވަމުންނެވެ. އަދި އެކަމަށް ސަޕޯޓަރުން ލައްވައި އަންނަނީ ސޮއިކުރުވަމުންނެވެ. މިކަމާ ގުޅިގެން ރައީސް ސޯލިހަށް ތާއީދުކުރާ ގިނަ މެމްބަރުންގެ ފާޑުކިޔުންތައް ނަޝީދަށް އަމާޒުވެފައިވެ އެވެ.
މީގެއިތުރުން ރިޔާސީ ޕްރައިމަރީ ބާތިލުކޮށްދޭން ނަޝީދަށް ތާއިދުކުރާ ބަޔަކު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.