ނިއުކާސަލް ޔުނައިޓެޑް 2-0 އިން ބަލިކޮށް އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓާ ޔުނައިޓެޑުން ހޯދައިފި އެވެ.
މިއީ 2017 ވަނަ އަހަރަށްފަހު ޔުނައިޓެޑުން ހޯދި ފުރަތަމަ ތަށްޓެވެ. އަދި މިއީ ލީގު ކަޕް ޔުނައިޓެޑުން ހޯދި ހަވަނަ ފަހަރެވެ.
އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ގޯލު ޔުނައިޓެށް މެޗުގެ 33 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަސެމީރޯ އެވެ. ކަސެމީރޯ މި ގޯލު ކާމިޔާބު ކުރީ ނިއުކާސަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑުން ދެވަނަ ގޯލު ކާމިޔާބު ކުރިއިރު މި ގޯލަކީ ނިއުކާސަލްގެ ޑިފެންޑަރު ބޮޓްމަން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލު ވަނީ ނިއުކާސަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ފޮނުވާލި ހަމަލާއެއް ބޮޓްމަންގެ ގައިގައި ޖެހިފަ އެވެ.
ދެވަނަ ހާފްގައި ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ޔުނައިޓެޑަށް ފުރުސަތުތަކެއް ލިބުނު އިރު ދެވަނަ ހާފްގައި ނިއުކާސަލް އިން ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް އެނބުރި އަންނަން މަސައްކަތް ކުރި ނަމަވެސް ޔުނައިޓެޑުން އެ ފުރުސަތު ނިއުކާސަލަށް ދީފައެއް ނުވެ އެވެ.
ގިނަ އަހަރުތަކަކަށްފަހު ޔުނައިޓެޑުން ތައްޓެއް ހޯދިއިރު މި ސީޒަނުގައި އިތުރު ތަށިތަކެއް ހޯދުމުގެ ފުރުސަތު ވެސް ޔުނައިޓެޑަށް އެބައޮތެވެ. އެގޮތުން ޕްރިމިއާ ލީގުގެ ތިންވަނައިގައި އޮތް ޔުނައިޓެޑް އޮތީ ޔޫރޮޕާ ލީގުގެ ގަދަ 16 ގަ އެވެ. އަދި އެފްއޭކަޕްގައި ވެސް ޔުނައިޓެޑް އެބައޮތެވެ.