ކްލަބް ކެރިއަރުގައި ލިއޮނަލް މެސީ ކާމިޔާބުކުރި 700 ވަނަ ގޯލާ އެކު 3-0 އިން މާސޭ ބަލިކޮށް ޕީއެސްޖީން މުހިއްމު މޮޅެއް ހޯދައިފި އެވެ.
މާސޭގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ޖެހި ފުރަތަމަ ގޯލް މެޗުގެ 25 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. އަދި އެމްބާޕޭ ދިން ޕާހަކުން މެޗުގެ 29 ވަނަ މިނެޓްގައި ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މެސީ އެވެ. ޕީއެސްޖީގެ ތިންވަނަ ގޯލު މެޗުގެ 55 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ.
މި މެޗުގައި މެސީ ޖެހި ގޯލަކީ ކްލަބް ކެރިއަރުގައި ކާމިޔާބުކުރި 700 ވަނަ ގޯލު ކަމަށްވާއިރު އޭގެތެރެއިން 672 ގޯލް ކާމިޔާބުކުރީ ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު އެވެ. ޕީއެސްޖީ އަށް މެސީ ކާމިޔާބުކޮށްދީފައިވަނީ 28 ގޯލެވެ.
މި މޮޅާއެކު ޕީއެސްޖީ ލީގުގެ އެއްވަނައިގައި މިހާރު އޮތީ 60 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 52 ޕޮއިންޓާ އެކު މާސޭ އޮތްއިރު ތިންވަނައިގައި 50 ޕޮއިންޓާ އެކު އޮތީ މޮނާކޯ އެވެ.
ލީގުގައި ޕީއެސްޖީ ދެން ބައްދަލުކުރާނީ ނެންޓްސް އެވެ.