އިންޑިއާގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީގެ ހަގު ފިރިހެން ދަރިފުޅު ނަމާޝީ ޗަކްރަބަތީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ބޭޑް ބޯއި" ގެ ލަވައެއް ދައްކާލައިފި އެވެ.
ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓްކޮށްފައިވާ ރާޖްކުމާރު ސަންތޯޝީ ހަދާފައިވާ ފިލްމުން އާންމުކޮށްފައި ވަނީ "ތޭރާ ހުއާ" ކިޔާ ލަވައެކެވެ. ހިމޭޝް ރޭޝަމިއާގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ބޮލީވުޑްގައި މިހާރު އެންމެ މަގުބޫލު ފިރިހެން އަޑު ކަމަށްވާ އަރިޖިތު ސިންގުގެ އިތުރުން ޖިއޯތިކާ ތަންގްރީ އެވެ.
"ބޭޑް ބޯއި" އިން އާންމުކުރި ލަވަ ޝޫޓްކޮށްފައި ވަނީ ރަޝިއާގަ އެވެ. ހިތްގައިމު މަންޒަރުތަކެއް ފެންނަ މި ލޯބީގެ ލަވައިން ނަމާޝީއާ އެކީ ފެނިގެން ދަނީ އަލަށް ތައާރަފުކުރާ ބަތަލާ އަމްރިން އެވެ.
"ބޭޑް ބޯއި" ގެ މަސައްކަތް ފެށީ މީގެ ފަސް އަހަރު ކުރިން ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލެއް ފަހަކުން ދީފައެއް ނުވެ އެވެ. ފިލްމުގެ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލި އިރު ވެސް ފިލްމު ރިލީޒްކުރާނެ އިރެއް އަދިވެސް ހާމައެއްނުކުރެ އެވެ.
"ގާޔަލް" އާއި "ގަތަކު" އާއި "ދާމިނީ" އަދި "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ގެ އިތުރުން "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" ފަދަ ފިލްމުތައް ގެނެސްދިން ސަންތޯޝީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ގާންދީ ގޯދުސޭ: އޭކް ޔުދު" އެވެ.
"ބޭޑް ބޯއި" އިން މިތުންގެ ހަގު ދަރިފުޅު ނަމާޝީ، 30، ބޮލީވުޑަށް ތައާރަފުކުރާ އިރު، މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ 72 އަހަރުގެ އެކްޓަރުގެ ދޮށީ ދަރިފުޅު މަހާކްޝޭ ޗަކްރަބަތީ (މިމޯ)، 38، އަކީ ވެސް ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2008 ގެ "ޖިމީ" އެވެ. މިމޯ ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "ހޯންޓެޑް" އާއި "އިޝްގްދަރިޔާ" ހިމެނެ އެވެ.