Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ލޯކަލް ގަވަނަންސް އިންސްޓިޓިއުޓް އިފުތިތާހުކޮށްފި

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސް ރޭ އިފުތިތާހުކޮށްފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިއިންސްޓިޓިއުޓް އިފުތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސަކީ ލާމަރުކަޒީ ނިޒާމު ރާއްޖޭގެ އިތުރަށް ފުޅާކޮށް ހިންގުމަށްޓަކައި، ތައުލީމީ ގާބިލް ބަޔަކު އުފެއްދުމަށް ލޯކަލް ގަވަރަމަންޓް އޮތޯރިޓީ އެލްޖީއޭ) އިން އުފެއްދި އިންސްޓިޓިއުޓެކެވެ.

އެތަން އިންސްޓިޓިއުޓް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި އެލްޖީއޭ ބޯޑުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް އެންމެ ބޮޑު ބަދަލެއް ގެނައީ 2010 ވަނަ އަހަރު ފާސްކުރި ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ޤާނޫނަށް ގެނައި އިސްލާހުތަކާ އެކީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކާއި އިހުތިޔާރުތަޖެއް ލިބިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސްގެ އާ ވެބްސައިޓް ވެސް ލޯންޗްކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތިން އަހަރުގެ ސްޓްރެޓެޖިކް ޕްލޭނާއި، ކިއެވެނި ޕޯޓަލް ވެސް ލޯންޗްކޮށްފައެވެ.

ރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސާ ބައިވެރިވާ އެކި މުއައްސަސާތަކާ އެކީ އެއްބަަސްވުންތައް ވެސް ބަދަލުކޮށްފައެވެ. އެ އެއްބަސްވުންތަކުގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފެވެ.