މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފަތިހު ހިތަދޫގެ 2 ފިހާރެއެއް ފަޅާލައި ވައްކަން ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ 2 މީހުން ކަމަށެވެ.
މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2014 ޖޫން 28 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތުގައި ހިތަދޫ ހެޕީޒޯން ފިހާރައާއި ފޯސަމް ފިހާރަ ފަޅާލާފައިވާ މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 2014 ޖޫން 29 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
ހެޕީޒޯންއިން ފައިސާއާއި ބައެއް ލިޔެކިޔުންތައް ވަގަށް ނަގާފައިވާއިރު ފޯސަމްގެ ކައުންޓަރ ވަތްގަނޑު ގެންދިޔަނަމަވެސް އެއްވެސް އެއްޗެއް ގެއްލިފައެއް ނުވެއެވެ.
ފޯސަމްއިން ގެންދިޔަ ކައުންޓަރުގެ ވަތްގަނޑު ފަހުން ވަނީ މަގުމައްޗަށް އެއްލާލައިފާވަނިކޮށް ފެނިފައެވެ. މި ދެފިހާރައަށްވެސް ވަދެފައިވަނީ ބިއްލޫތިގަނޑު ތަޅާލައިގެންނެވެ.
ވައްކަމުގެ މި ދެ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.