Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ގަންގޫލީގެ ރޯލެއް ނޫން، ކިޝޯރްގެ ރޯލު

އިންޑިއާގެ ކުރީގެ ކްރިކެޓަރު ސޯރަވް ގަންގޫލީގެ ވާހަކަ ކިޔައިދޭ ފިލްމު ހުށަހަޅާފައި ނުވާ ކަމަށާއި އެކަމަކު އެހެން ބައޮގްރަފިކަލް ޑްރާމާއަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބޮލީވުޑްގެ ތަރި ރަންބީރް ކަޕޫރް ބުނެފި އެވެ.

އަންނަ މަހުގެ 8 ގައި ރިލީޒްކުރާ އޭނަގެ ރޮމޭންޓިކް ކޮމެޑީ "ތޫ ޖޫޓީ، މޭ މައްކާރް" ޕްރޮމޯޓްކުރަން ކަލްކަތާގައި އިއްޔެ އޮތް އިވެންޓެއްގައި ގަންގޫލީގެ ބައޯޕިކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ރަންބީރް ވަނީ އެ ފިލްމު އޭނަ އަށް ހުށަނާޅާކަން ކަށަވަރުކޮށް ދީފަ އެވެ.

"އެކަމަކު އެއީ ވަރަށް ހާއްސަ ފިލްމަކަށް ވާނެ. ދާދާ [ގަންގޫލީ] އަކީ ލިވިން ލެޖެންޑެއް ވެސް މެ." ތޫ ޖޫޓީ، މޭ މައްކާރްގެ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމު ކުންފުނިން ހަދަން ނިންމާފައި އޮތް ފިލްމާ ބެހޭ ގޮތުން ރަންބީރް ބުންޏެވެ.

އޭނަ ބުނީ ގަންގޫލީގެ ބައޯޕިކުން ފުރުސަތު ލިބިފައި ނެތަސް އިންޑިއާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރް ކުމާރުގެ ބައޮގްރަފިކަލް ޑްރާމާ އަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެ ފިލްމު ރަންބީރާއި ޑައިރެކްޓަރު އަނޫރާގް ބާސޫ ގުޅިގެން ހަދަން ވާހަކަ މީގެ އަހަރުތަކެއް ވެސް ކުރިން ވެސް ދެކެވިފައިވެ އެވެ.

އެހެންވެ އެއާ ބެހޭ ގޮތުން ރަންބީރް ބުނީ ދެން އޭނަ ކުޅޭ ބައޯޕިކަކަށް ކިޝޯރްގެ ފިލްމު ވެދާނެ ކަމަށެވެ. ރަންބީރަކީ އެކްޓަރު ސަންޖޭ ދަތުގެ ބައޯޕިކް "ސަންޖޫ" ކުޅުނު އެކްޓަރު ވެސް މެ އެވެ.

"މިއަށް މަސައްކަތްކުރާތާ އެގާރަ ވަރަކަށް އަހަރުވެއްޖެ. އަނޫރާގް އޮތީ އޭގެ ސްކްރިޕްޓްގެ މަސައްކަތް ވެސް ފަށާފައި." ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ ބުންޏެވެ.

އަނޫރާގަކީ ރަންބީރްގެ "ޖައްގާ ޖާސޫސް" އާއި "ބަރްފީ" ގެ ޑައިރެކްޓަރެވެ. އޭނަ މިހާރު އަންނަނީ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ އެންތޮލޮޖީ ފިލްމު "މެޓްރޯ: އިން ދިނޯ" ގެ މަސައްކަތްކުރަމުންނެވެ. އަނޫރާގްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "އާޝިގީ 3" އާއި އިންޑިއާގެ ކުރީގެ ޖާސޫސް ރަވިންދުރަ ކޯޝިކްގެ ބައޯޕިކް "ބްލެޓް ޓައިގާ" ހިމެނެ އެވެ.

"ތޫ ޖޫޓީ، މޭ މައްކާރް" ގެ އިތުރުން މި އަހަރުގެ އޮގަސްޓްގައި ގެނެސްދޭ "އެނިމަލް" އިން ވެސް ރަންބީރް ފެންނާނެ އެވެ.