Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ސަލަފު ޖަމިއްޔާ އިން އަދާލަތަށް ހަސަދަ؟

ސަލަފު ޖަމިއްޔާ އިން އަދާލަތު ޕާޓީ އަށް "ހަސަދަލައިގެން" އުޅޭ ކަހަލަ މޭރުމަކުން އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަ ދައްކައިފައިވި އެވެ.

ހޯމް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޖަމިއްޔާ އާއި އަދާލަތާ ދެމެދު ހުރި ތަފާތަކީ ދީނީ ކަމެއްތޯ ނުވަތަ ސިޔާސީ ކަމެއްތޯ ސުވާލު ކުރައްވައިފަ އެވެ.

"ދީނީ މައްސަލައެއް ނަމަ އެކަން ހައްލުކުރަން އަޅުގަނޑުމެން ވަރަށް ބޭނުން،" އިމްރާން ވިދާޅުވި އެވެ. "ސިޔާސީ ކަމެއް ނަމަ އެކަން އަންޑަސްޓޭންޑްވޭ. [ސިޔާސީ ގޮތުން އަދާލަތު ޕާޓީ އޮތް ހިސާބާ މެދު ސަލަފުން ހަސަދަވެރިވުމަކީ] ހަމަ ވަރަށް ނެޗްރަލް ކަމެއްތާ."

އަދާލަތު ޕާޓީ ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމައި، އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ވެސް ނިންމައިފަ އެވެ. އަދި އެ ޕާޓީން އެފަދަ ކަންކަން ނިންމަނީ ލައްކަ ވިސްނުމަށް ފަހު ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ރޭ ކުރެއްވި ޓްވީޓްގެ ކުރިން އަދާލަތަށް ރައްދުވާ ގޮތަށް ސަލަފަށް ނިސްބަތްވާ އަލީ ރަމީޒު އިއްޔެ ކުރި ޓްވީޓެއްގައި ފާޑު ކިޔާފައިވެ އެވެ.

"ލާދީނީ އަށް ވުރެ ދީނީވެގެން އުޅޭ އެ ލާދީނީއްޔަތު ހިމާޔަތްކުރަން އުޅޭ ބައިގަނޑުގެ ނުރައްކާތެރިކަމާއި މުސީބާތް އުންމަތަށް މާ ބޮޑު." އޭނަ ބުންޏެވެ.