Last Updated: June 23, 18:18
Tuesday, June 23, 2026
ޚަބަރު

ފައިސާ ގެއްލެނީ ފަރުވާކުޑަކަމުން: މަވޯޓާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ތަފާތު ގޮތްގޮތަށް މިހާރު ފައިސާ ގެއްލޭ މައްސަލަ އަކީ ބޭންކުންގެ މައްސަލައަކުން ވާ ކަމެއް ނޫން ކަމަށާއި އެއީ ކަސްޓަމަރުންގެ ފަރުވާކުޑަކަމުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ބޭންކް ދިފާއުކޮށް ވާހަކަ ދައްކަވައިފި އެވެ.

އޭނަ މި މޭރުމުން ވާހަކަ ދެއްކެވީ ބީއެމްއެލްގެ އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލަ ހައްލުކުރަން ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަގައި ވާހަކަ ދައްކަމުންނެވެ. އެ މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

މައްސަލައަށް ބަހުސްކުރުމަށް ފާސްވުމާ ގުޅިގެން މަވޯޓާ ދެއްކެވި ވާހަކައިގައި ވިދާޅުވީ ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައި ވަނީ ޒިންމާޒާރުކަމެއް ނެތި، ސިޔާސީ ކަމަކަށް ހަދައިގެން ކަމަށެވެ.

"ބޭންކަށް އިތުބާރު ގެއްލުވާލުމަށް ބަޔަކު ހިންގާ ސޯޝަލް މީޑިއާ ކެމްޕޭނެއްގެ ދަޅައިގައި މި މަޖިލިސް ޖެހިގެން ސިޔާސީ ގޮތުން ފަހި ފުރުސަތެއް ގޮތަށް ދެކިގެން ބެންކުގެ އިތުބާރު ނަގާލަން މިކުރެވޭ މަސައްކަތުގައި މެންބަރުން ބައިވެރިވާކަން ކުށްވެރިކުރަން." މަވޯޓާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޭމްތަކުން ފައިސާ ގެއްލޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އެއީ ބޭންކުގެ ސަބަބުން ނުވަތަ އިހުމާލުން ވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. މަވޯޓާ ވިދާޅުވީ މިކަން ދިމާވަނީ ކަސްޓަމަރުންގެ ފަރުވާކުޑަކަމުންނެވެ.

"އެކި ފާޑުފާޑުގެ އެކައުންޓު ކޮމްޕްރޮމައިޒްވާ ފަދަ ސައިޓްތަކަށް ބައެއް މީހުން ވަދެގެން، އެތަންތަނުން ފައިސާ ކެނޑީމަ އެ ދިމާވާ މައްސަލައަކީ މުޅިއަކުން ބޭންކުގެ ޒިންމާއެއް ނޫން،" އޭނާ ވިދާޅުވި އެވެ. "ކަސްޓަމަރުން އެބަޖެހޭ އަޅުގަނޑުމެންގެ ފައިސާ އަށް ރައްކާތެރިވާން."

މޮސްޓާ ހުށަހެޅުއްވި މައްސަލައާ ގުޅިގެން ވަރަށް ގިނަ މެމްބަރުން ބީއެމްއެލްގެ ކަސްޓަމަރުންނަށް ލިބެމުންދާ ގެއްލުންތަކާ ގުުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާފައިވެ އެވެ. އަދި މިފަދަ ކަންކަމާ މެދު ގައުމީ ބޭންކަށް އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލެމުންދާކަން ވެސް ގިނަ މެމްބަރުން ފާހަގަކުރެއްވި އެވެ.