Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

"ފްރީކީ ފްރައިޑޭ" ގެ ސީކްއެލްގެ އިޝާރާތެއް

މީގެ 20 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފެންޓަސީ-ކޮމެޑީ "ފްރީކީ ފްރައިޑޭ" ގެ ސީކްއެލްއެއް ހަދައިފާނެކަމުގެ އިޝާރާތެއް އޭގެ މުހިއްމު ރޯލެއް ކުޅުނު ބަތަލާ ޖެމީ ލީ ކާޓިސް ދީފި އެވެ.

މިދިޔަ ހޮނިިހިރު ދުވަހު ބޭއްވި ޕްރޮޑިއުސާސް ގިލްޑް އެވޯޑް ހަފުލާގައި އޭނަ ބުނީ ސީކްއެލްއެއް އައުމުގެ ފުރުސަތު ބޮޑު ކަމަށާއި މިހާރު އިންތިޒާރު ކުރަނީ ފިލްމު އުފެއްދި ޑިޒްނީން އެކަމާ ބެެހޭ ގޮތުން ރަސްމީކޮށް އެއްޗެއް ބުނާނެ އިރަކަށް ކަމަށެވެ.

"ފްރީކީ ފްރައިޑޭގެ ސީކްއެލްއެއް ހަދާނެ. ހަމަ ޔަގީނުން ވެސް ހަދާނެ." ކާޓިސް ބުންޏެވެ.

ދެހާސް ތިނެއްގައި ރިލީޒްކުރި އެ ފިލްމަކީ މޭރީ ރޮޖާސް "ފްރީކީ ފްރައިޑޭ" ގެ ނަމުގައި ލިޔުނު ވާހަކަ އަށް ބިނާކޮށް މާކް ވޯޓާސް ޑައިރެކްޓްކުރި ފިލްމެކެވެ. ކާޓިސްއާ އެކީ ފިލްމުގައި ދެން އެންމެ މުހިއްމު ރޯލެއް ކުޅުނީ ލިންޒީ ލޯހާން އެވެ. "ފްރީކީ ފްރައިޑޭ" ގެ ކާސްޓްގައި ހެރޯލްޑް ގޫލްޑް، ޗާޑް މައިކަލް މުރޭ އަދި މާކް ހާމަން ވެސް ހިމެނެ އެވެ.

ޖުމްލަ 26 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 160.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.

ކާޓިސް، 64، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ހެލޮވީން އެންޑްސް" އެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ހޯންޓެޑް މޭންޝަން" އާއި "ބޯޑަލޭންޑްސް" ހިމެނެ އެވެ.